ރަމްޟާން މަހަށް ޚާއްޞަ ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމް ތިނަދޫ ސިޓީ ހިމެނޭހެން 10 ރަށެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަތޮޅުތަކުގައި އަންނަނީ، އިޙްޔާ ފޯރަމްތައް ބާއްވަމުންނެވެ. އަދި އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ އަދަދު އަންނަނީ، އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. މިއަހަރުވެސް އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރު 10 ރަށުގައި އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފޯރަމްތައް ބާއްވަން ފަށަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 11 މާރިޗުއާ ހަމައަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.
- ތ. ދިޔަމިގިލި: 20 ފެބްރުއަރީ
- ތިނަދޫ ސިޓީ: 23 ފެބްރުއަރީ
- ގދ. މަޑަވެލި: 24 ފެބްރުއަރީ
- ގދ. ގައްދޫ: 25 ފެބްރުއަރީ
- ހއ. އިހަވަންދޫ: 27 ފެބްރުއަރީ
- ޅ. ނައިފަރު : 3 މާރިޗު
- ކ. ހިންމަފުށި: 4 މާރިޗު
- ކ. ގުރައިދޫ: 6 މާރިޗު
- ލ. މާވަށް: 9 މާރިޗު
- ރ. މީދޫ: 11 މާރިޗު
ރަށްރަށުގެ އިތުރުން މާލޭގައި މިއަހަރުވެސް އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި އިޙްޔާ ފޯރަމް ކުރިއަށްދާނީ، މިމަހުގެ 19 އިން ފެށިގެން މާރިޗު މަހުގެ 15އާ ހަމައަށް ކޮންމެ ހުކުރު ވިލޭރޭއަކާއި ހޯމަ ވިލޭރޭގައެވެ.
ރަމަޟާން މަހަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އިޚްޔާ ފޯރަމްތަކަކީ، ދީނީ މަޢުލޫމާތު ފޯރުކޮށްދީ އާއްމުން ހޭލުންތެރި ކުރުމަށް އެ ވުޒާރާއިން އެންމެ ދިގު މުއްދަކަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
އިޙްޔާ ފޯރަމްތަކަކީ، އެކި މަޢުޟޫތަކަށް ދަރުސްދީ އަދި އާއްމުންނަށް ސުވާލުވެސް ކުރާ ގޮތަށް ބާއްވަމުން އަންނަ ފޯރަމެކެވެ. އަދި ދީނީ ފޮތްތައް ހަދިޔާ ކުރުމާއި، ބައެއް ކަހަލަ އިނާމުތައްވެސް ފޯރަމުގެ ތެރެއިން އަންނަނީ ދެމުންނެވެ.
މިއަހަރު، ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ވީޑިއޯ ކޮންޓެންޓްތަކެއް އުފެއްދުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ، ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ހަދާ ކޮންޓެންޓްތަކެކެވެ. މީގެއިތުރުން، މުވައްސަސާތަކާ ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޢަމާޒުކޮށް، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި، ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މަރުޚަބާ ރަމަޟާންގެ ނަމުގައި ކުޑަކުދިންނަށް ޚާއްޞަ ހަވީރެއްވެސް ބާއްވާނެއެވެ. އަދި މަރުޚަބާ ރަމަޟާންގެ ނަމުގައި އާއްމުންނަށް ހުޅުވާލައިގެން، މާލޭގައި ބޮޑު ދަރުހެއް ބޭއްވުމަށްވެސް ވަނީ ހަމަޖައްސާފައެވެ.