އޭނާގެ ކުލަބު އައްނަސްރުގެ މެޗުތަކަށް ނުކުޅެ ކްރިސްޓިއާނޯ ރޮނާލްޑޯ ކުރަމުންދިޔަ ހިމޭން ހަޅުތާލަށް ނިމުން ގެނެސްފި އެވެ.
އުމުރުން 41 އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ވަނީ އައް ނަސްރު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ނުކުޅެފަ އެވެ. އޭނާގެ މައިގަނޑު ޝަކުވާ އަކީ ޓީމު ވަރުގަދަ ކުރަން ސައޫދީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން އެކަށީގެންވާ ވަރަށް ހަރަދު ނުކުރުމެވެ. މި ގޮތުން އޭނާ ހިތްހަމަ ނުޖެހުނު މައިގަނޑު މައްސަލައަކަށްވީ ވާދަވެރި އަލް ހިލާލްއިން ރެއާލް މެޑްރިޑާއި ފްރާންސްގެ ކުރީގެ ފޯވަޑް ކަރީމް ބެންޒެމާ ގެންދިއުމެވެ.
ނަމަވެސް ކުލަބާއި ސައޫދީ ފަބްލިކް އިންވެސްޓްމަންޓް ފަންޑާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ރޮނާލްޑޯ މިހާރު ވަނީ ދެ ކަމެއް ފުރިހަމަ ކޮށްދިނުމުން މެޗުތައް ކުޅެން އެއްބަސްވެފަ އެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ މިހާތަނަށް ނުދެވި ހުރި ފައިސާ ދިނުމެވެ. ދެ ވަނަ ކަމަކީ ކުލަބުގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރޮނާލްޑޯގެ މި ހުށަހެޅުމާއެކު އައް ނަސްރުގެ ބައެއް ހިންގުންތެރިން މަގާމުން ސަސްޕެންޑްކުރުން ނިމުމަކަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޕޯޓިން ޑައިރެކްޓަރު ސިމާއޯ ކުޓީނިއޯ އާއި ސީއީއޯ ހޯސޭ ސަމޭޑޯ ހިމެނެ އެވެ. މީގެ ތެރެއިން ސިމާއޯ އަކީ ރޮނާލްޑޯ ހިތްހަމަ ނުޖެހުނު ވަގުތު އޭނާއާ ދެކޮޅަށް ވާހަކަ ދެއްކި މީހެކެވެ. ސިމާއޯ ބުނީ ކޮންމެ ކުލަބެއްގައި ވެސް ހަރަދު ކުރުމުގައި އުސޫލުތަކެއް ހުންނަ ކަމަށާއި މިވަގުތު ޔޫރަޕުގެ ކުޅުންތެރިން ގެނެވެން ނެތް ކަމަށާއި އިސްކަންދެނީ ހަރަދު ކުޑަކުރަން ކަމަށެވެ.
މި ސީޒަނުގައި ރޮނާލްޑޯ ވަނީ މިހާތަނަށް ކުޅުނު 22 މެޗުގައި 18 ގޯލު ޖަހައިފަ އެވެ. އައް ނަސްރު މިވަގުތ އޮތީ ސައޫދީ ޕްރޯ ލީގުގެ ތާވަލުގައި އެއްވަނާގައިވާ އަލް ހިލާލަށްވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ.
ރޮނާލްޑޯއާ އައް ނަސްރުގެ ސަޕޯޓަރުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވަރަށް ބޮޑަށް ރޮނާލްޑޯ އަށް މަލާމާތް ކޮށްފައިވަނިކޮށެވެ. އެއީ 2023 ވަނަ އަހަރު އޭނާ އެ ކުލަބާ ގުޅުނު ފަހުން މިހާތަނަށް ތައްޓެއް ލިބިފައިނުވާތީ އެވެ. ރޮނާލްޑޯއާ ދިމާކޮށް ބައެއް ސަޕޯޓަރުން ވަނީ އޭނާގެ އެންމެ ވާދަވެރި ކުޅުންތެރިޔާ އާޖެންޓީނާގެ ލަޔޮނަލް މެސީ އަށް ގޮވައި ތަރުހީބުދީފަ އެވެ. ރޮނާލްޑޯ އިހްތިޖާޖު ފެށީ ސަޕޯޓަރުން ހިތްހަމަ ނުޖެހުނު މި މެޗަށް ފަހު އެވެ. ނަމަވެސް އޭނާ އިހްތިޖާޖު ކުރަން ފެށުމުން އެންމެ ފަހުން ކުޅުނު މެޗު ކަމަށްވާ އަލް އިއްތިފާގާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުން ވަނީ އޭނާގެ ހަތް ނަންބަރު ދައްކުވައިދޭ ކަރުދާސްތަކެއް ހިފައިގެން ތިބެ ތަރުހީބުދީފަ އެވެ. އަދި މެޗުގެ ހަތް ވަނަ މިނިޓްގައި އަޑުހަރުކޮށް އޭނާގެ ނަމުން ވެސް ގޮވާފައިވެ އެވެ.