ޚަބަރު

މާޒިޔާއާ އެއް ގުރޫޕެއްގައި އޮތުން އެއީ ބޮޑު ފައިދާއެއް: ނިޒާމް


  • ބުރާއި މާޒިޔާ އަދި ވިކްޓްރީ އޮތީ އެއް ގުރޫޕެއްގައި

  • ފުރަތަމަ މެޗުގައި ވެސް ބުރު ނުކުންނާނީ މާޒިޔާއާ ދެކޮޅަށް

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއް ގުރޫޕެއްގައި ބުރު ސްޕޯޓްސް ކުލަބު އޮތުން އެއީ ލިބުނު ވަރަށް ބޮޑު ފައިދާއެއްކަމަށް އެ ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ދިވެހި ލީގުގެ ފަހު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 0-3 އިން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނިޒާމް ބުނީ، މެޗުގެ ނަތީޖާއަށް ރިއާޔަތްކޮށް، ކުރިއަށް ހުރި ޗެލެންޖުތަކާ ކުރިމަތިލާއިރު ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެގޮތުން ސްކޮޑު ވަރުގަދަކުރުން އެއީ، ބުރުން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނިޒާމް ފާހަގަކުރިއެވެ.

"ކޮންމެ މެޗެއްގައި ވެސް ފެންނާނެ މެޗުގެ ފަހުކޮޅުގައި ބަދަލުތައް ގެންނަ ހިސާބުން އަހަރުމެން ވެއްޓެނީ. މި މެޗުން މި ފެނުނީ އޭގެ ހަގީގަތް އަސްލު. ސްކޮޑުގައި ސްޓްރެންތު ނެތްކަން. ސްކޮޑުގަ ސްޓްރެންތު ނެތީމަ މި ވާގޮތަކީ، އެހެން ޓީމުތަކުން ކޮންމެ މެޗެއްގެ 65، 75 (މިނެޓުގައި) ބަދަލުކުރާ ބަދަލުކުރުންތަކުން އެ މީހުން މުޅި ގޭމަށް ޗޭންޖު އެ ގެންނަނީ. އަހަރުމެންނަށް މި ވާގޮތަކީ އަހަރުމެން އެ ޗޭންޖު ގެންނަން ބަލާއިރުގައި ވެއްޓިފައި މި އޮންނަނީ ކޮންމެ ރެޔަކުވެސް. މި ފެނުނީ އޭތި. އަހަރުމެން ސްޓާޓިން 11 ގެ ފަސް ކުޅުންތެރިން ބަދަލުކޮށްލައިގެން ވެސް މުޅި އެތި އޭނީ ގޯސްކޮށް". ޓީމުގެ ސްކޮޑު ވަރުގަދަކުރަންޖެހޭކަން ފާހަގަކޮށް ނިޒާމް ބުންޏެވެ.

ލީގުގެ ފަހު މެޗުގައި މާ އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ޕްރެޒިޑެންޓްސް ކަޕާމެދު ނިޒާމްގެ އުއްމީދުތައް ބޮޑެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ބުރާ އެއް ގުރޫޕެއްގައި ހިމެނެނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޕްލޭއޮފް މެޗުން މޮޅުވެގެން ގްރޫޕް ސްޓޭޖުގެ ޖާގަ ހޯދި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

ދިވެހި ފުޓުބޯޅައިގެ މިވަގުތު އެންމެ ގަދަބާރެއްގެ ގޮތުގައި އޮތް މާޒިޔާއާ އެއް ގުރޫޕެއްގެ ގޮތުގައި އޮތުން އެއީ ޗެލެންޖެއްތޯ ނުވަތަ ލިބުނު ފައިދާއެއްތޯ އަހައި ކުރި ސުވާލަށް ޖަވާބުދެމުން ނިޒާމް ވަނީ، މިއީ ލިބުނު ފައިދާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"އެއް ގުރޫޕެއްގައި އޮތުން އެއީ ވަރަށް ޕޮޒިޓިވްކަމެއް. އެއީ އެއް ގުރޫޕެއްގައި އޮތީމަ މި ވާގޮތަކީ ސެމީ ފައިނަލުގައި ނުވަތަ ނޮކްއައުޓް ސްޓޭޖަށް ދާއިރުގައި ހަމަ ޔަގީނުން ވެސް ދެ ޓީމު ކުޅޭކަށް ނުޖެހޭނެ. ދެން ދެ ޓީމު ބައްދަލުވިޔަސް ބައްދަލުވާނީ ފައިނަލުން. އެހެންވީމަ އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެކަމަކު އެޑްވާންޓޭޖެއް އޮތަސް އޭގެ ބޭނުން ހިފޭނީ ކުޅުންތެރިން ވެސް، މުޅި ކުލަބުވެސް އެއްވަރަކަށް މަސައްކަތްކޮށްގެން. އެހެންވީމަ އެ މަސައްކަތްކުރުން ދެން އޮތީ". ނިޒާމް ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އަންގާރަ ދުވަހު ފަށާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ވެސް މާޒިޔާއާއި ބުރު ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ އަންގާރަ ދުވަހުގެ 16:00 ގައެވެ.