މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނީ މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަޙައްދުގައި ދޫކުރަން ފެށީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އެދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.
މިހާތަނަށް މާލެ ސަރަޙައްދުގައި 43،923 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ، 65،230 އެވެ. މަސްދަޅު ދޫކުރަނީ، ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ، https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ. އެ ވުޒާރާއިން ވަނީ، ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭސް ބަލައި ދިޔުމަށް ޢިލްތިމާސްކޮށްފައެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ.