ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި


  • މިއީ ޖަރުމަނުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • 5 ދުވަހުގެ މިދަތުރުފުޅުގައި މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވަވާނެ

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ 5 ދުވަހުގެ މުއްދަތައް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. މި ބައްދަލުވުންތަކުގައި ދިވެހިރާއްޖެއާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމަނައިގެން، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ޙިއްސާ ކުރައްވައި، އެ ޔުނިވަރސިޓީގައި ތަޤުރީރު ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި، ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމުގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުޞަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު މި ދިމާވަނީ ދިވެހިރާއްޖެއާއި، ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ، 5 ޖުލައި 1966 ގައެވެ.