2 އަހަރުގެ ދުވަހުގެ މެދުކެނޑުމަކަށްފަހު ނުވަދިހަ މެޗު ކުޅުނު ދިވެހި ޕްރިމިއަރ ލީގު ނިމިގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ޠާރިޤް ވިދާޅުވީ ނިމިގެން ދިޔައީ ވަރަށް ވާދަވެރި ލީގެއް ކަމަށާއި، ކުޅުންތެރިންވެސް ވަރަށް ފޯމަށް އައިސް ކުޅުނުތަން ފެނުނު ކަމަށެވެ.
“އަޅުގަނޑުމެން މި ރެލިގޭޝަން ޒޯނާއި އޮޓަމެޓިކް ރެލިގޭޝަނާއި އަދި ޕްރޮމޯޝަންގެ ލީގު ސްޓްރަކްޗަރ ބަދަލުކުރިގޮތުން އަޅުގަނޑު ގަބޫލުކުރަނީ ހާއްސަކޮށް ލީގުގެ ފަހު ބުރަށް ދިޔައިރު ވަރަށް ކޮމްޕެޓިޓިވް. ހުރިހާ ޓީމަކުންވެސް އެ ޓީމެއްގެ ޓާގެޓް ހާސިލް ކުރުމަށް ވަރަށް ކޮންމްޕެޓިޓިވް މެޗުތަކެއް ކުޅެމުންދިޔަކަން ފާހަގަކުރަކުރެވޭ. ބައެއް ޓީމުތައް ފަހަތުގައި އޮވެފައިވެސް ކާމިޔާބު ނަތީޖާތަކެއް ހާސިލްކޮށްފައި އެބަހުރި” ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ އެކި ޓީމުތަކަށް ޤައުމީ ޓީމުގެ ކުޅުންތެރިން ކުޅޭއިރު މިގޮތަށް ލީގު ނުވަތަ ސީޒަން ކުރިޔަށް ގެންދެވޭނަމަ އޭގެ ފައިދާ ޤައުމީ ޓީމަށް ކުރާނެ ކަމަށެވެ.
އޭގެ އިތުރަށް 26 ޖުލައި، 2025 އިން ފެށިގެން މިއަހަރުގެ ކުޅިވަރު ކަލަންޑަރުގެ ތެރެއިން ނިމިގެން މިދިޔައީ އެންމެ ބޮޑު މުބާރާތް ކަމަށެވެ. އަދި މިހާރު ފުޓްބޯޅައިގެ ވަރަށް ގިނަ ހަރަކާތްތައް ކުރިޔަށް ދާކަން ޠާރިޤް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޤައުމީ މުބާރާތް ފެށި، ރަމަޟާންމަސްތެރޭ ނިމޭނެކަން ފާހަގަ ކުރެއްވިއެވެ.
އެފްއޭއެމްގެ ރައީސް އިތުރަށް ވިދާޅުވީ މަލޭގެ ހައި ސްކޫލުތަކަސް ހުޅުވާލައިގެން ފެށި 20 އަހަރުން ދަށުގެ ޑައިމަންޑް ޖުބިލީ މުބާރާތާއި 14 އަހަރުން ދަށުގެ ކޮލިފިކޭޝަން، ޔޫތް ޗެމްޕިއަންޝިޕް މިހާރު ފެށިފައިވާކަމަށެވެ. މި މުބާރާތުގައި 18 އެކެޑެމީއަކުން ވާދަކުރެއެވެ.