ޚަބަރު

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ޚިދުމަތް ގާއިމުކުރަނީ


  • މިމަސައްކަތަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިޢުލާނުކުރެއްވި މަޝްރޫޢެއް

  • ބަނދަރުގައި ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ

ހިތަދޫ ވިޔަފާރި ބަނދަރުގައި އަސާސީ ކާބޯތަކެތި ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ މުހިއްމު މަޝްރޫޢެކެވެ.

ހިތަދޫ ޕޯޓު ލިމިޑެޓު، އެޗްޕީއެލަށް މުހިންމު ޚިދުމަތްތަކެއް އިފްތިތާޙުކުރުމަށް އެރަށުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި ވަނީ ހިތަދޫ ވިޔަފާރި ބަނދަރަށް މުހިންމު 3 ޚިދުމަތެއް އިފްތިތާހުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ގާއިމުކުރުމެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ހިތަދޫ ރީޖަނަލް ޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑިސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާނެވެ.

ހިތަދޫ ވިޔަފާރި ބަނދަރުގައި މި ޚިދުމަތްތައް ފެށިގެންދިޔުމުން، މުދާ ކްލިއަރ ކުރުމަށް ހިނގާ ޚަރަދު ކުޑަވެ، ދެކުނުގެ އަތޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބާޒާރާ ގާތުން މުދާ އެތެރެކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޗްޕީއެލުން ވިދާޅުވެއެވެ. އަދި ހިތަދޫގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ދެކުނުގެ އިމާރާތްކުރުމުގެ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެޗްޕީއެލުން ވިދާޅުވެއެވެ.

މީގެ 20 އަހަރު ކުރިން ޚިދުމަތް ދޭން ފެށި ހިތަދޫ ރީޖަނަލް ޕޯޓަކީ އެމްޕީއެލްގެ ދަށުން ހިންގާ، ދެކުނުގެ ސަރަހައްދަށް މުދާ ފޯރުކޮށްދޭ މައި މަރުކަޒެވެ. މި ބަނދަރަކީ ކޮންޓެއިނަރާއި ޖެނެރަލް ކާގޯ ހޭންޑްލް ކުރުމުގެ ފުރިހަމަ ވަޞީލަތްތައް ގާއިމުކުރެވިފައިވާ، ސަރަހައްދުގެ ޞިނާޢީ އަދި ވިޔަފާރި ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށްލެވެއެވެ.