އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ލީޑްސް މޮޅުވެ ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލައިފި އެވެ.
މި މެޗުން ލީޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުން ޖުމްލަ 29 ޕޮއިންޓާއެކު 16 ވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވާ 26 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.
ލީޑްސްގެ އީލޭންޑް ރޯޑް ގައި ތިރީސް ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 26 މިނިޓުގައި ޖޭޑަން ބޮގްލް ވަނީ ލަނޑެއް ޖަހާ ލީޑްސް އަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 30 ވަނަ މިނިޓުގައި ނޯއާ އޮކަރޯ ވަނީ ލީޑްސް އަށް އިތުރު ލަނޑެއް ޖަހައިދީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ލީޑްސް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޑޮމިނިކް ކެލްވަޓް ލެވިން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
މި މެޗުގައި ނޮޓިންހަމް ފޮރެސްޓް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ލޮރެންޒޯ ލޫކާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޕްރިމިއާ ލީގުގައި ދެން އެންމެ އަވަހަށް ލީޑްސް ނިކުންނާނީ އަންނަ އަންގާރަ ދުވަހު ޗެލްސީ އާއި ދެކޮޅަށެވެ.