ނިމުނު ހަފުތާގައި ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (5 ފެބުރުވަރީ) އެގޮތުން ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވި 3 ވަނަ ރިޔާސީ ބަޔާން 3 ގަޑިއިރަށް ދެމިގެން ދިޔައެވެ.
މި ރިޔާސީ ބަޔާނުގައި ރާއްޖެއަށް ބޭނުންވާ އަދި ރައްޔިތުންނާ އެންމެ ގުޅުންހުރި ދާއިރާތަކަށް ހަޤީޤީ މާނާގައި އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވައި، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި އެދާއިރާތަކުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތަފްޞީލް ތަފާސްހިސާބުތައްވެސް ހިމެނޭހެން ވަނީ ޙިއްސާކުރައްވާފައެވެ.
- ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނެކަމަށް ރައީސް ވިދާޅުވުން
- މި އަހަރުގެ ޙައްޖާ ގުޅޭ ކަންކަން %100 ފުރިހަމަ ކުރި 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވުން 3
- ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް، ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދެނީ
- އެސްޑީއެފްއަށް 275 މިލިޔަން ޑޮލަރަށްވުރެ ގިނައިން ޖަމާކޮށްފައިވާކަމަށް ރައީސް ވިދާޅުވުން
- މާލޭ ވިޔަފާރި ބަނދަރު 2027ގެ ނޮވެންބަރުގައި ތިލަފުއްޓަށް ބަދަލުވާނެކަމަށް ރައީސް ވިދާޅުވުން
- މިދިޔަ އަހަރު އެމްއެމްއޭއިން މާރުކުރި ޢަދަދު 492 މިލިޔަން ޑޮލަރަށް، ތާރީޚީ ރެކޯޑެއް
- ކުރީ ސަރުކާރުން ފޮނުވި ފޯޅަވަހީގެ ސިޓީ އަނބުރާ ގެނެސް، މައްސަލަ ބަލަން ކޮމިޝަނެއް އުފައްދަަވަން ނިންމެވުން
- އަމާޒަކީ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 220 މެގަވޮޓަށް އިތުރުކުރުންކަމަށް ރައީސް ވިދާޅުވުން
- ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވުން
- ކުޅިވަރުގެ 879 މަޝްރޫއެއް 12 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވުން
- އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް އެޕްރީލްގައި ފަށާނެކަމަށް ރައީސް ވިދާޅުވުން
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމް ސްކޫލިން ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙު ގެންނައުމަށް ރައީސް ނިންމެވުން
- ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވުން
- ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގެނައުންކަމަށް ރައީސް ވިދާޅުވުން
- އަނބި/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީއެއް ކަނޑައަޅަން ރައީސް ނިންމެވުން
- ކުދި އަދި މެދު ފަންތީގެ ވިޔާފަރި ހަބަކަށް އައްޑޫ ސިޓީ ހެދުމަށް ރައީސް ނިންމެވުން
- މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވުން
- މިދިޔަ ދެ އަހަރު ތެރޭ އެކަނިވެސް 2.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ރައީސް ހާމަކުރެއްވުން
- 24 ގަޑިއިރު ޝަކުވާ ހުށައެޅޭ އޮފީހެއް ޤާއިމުކުރަން ރައީސް ނިންމެވުން
(5 ފެބުރުވަރީ) ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށް ފަހު އެ ސްޓޭންޑް ބަދަލުކޮށްފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ގެންނެވީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު ވަނީ ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައެވެ.
(5 ފެބުރުވަރީ) ރައީސްގެ ނިންމެވުމާ އެއްގޮތަށް ކުރިން ވެސް ކަނޑައެޅިފައި އޮތް އެސްއީޒެޑް ޤައުމީ ދިފާއީ ބާރުން ބަލަހައްޓަމުން ގެންދާނެކަން ދިފާއީ ވުޒާރާއިން ހާމަކުރައްވާފައިވަނީވެސް ބުރާސްފަތި ދުވަހުއެވެ. ދިފާއީ ވުޒާރާއިން މިކަން ހާމަކުރައްވާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާތީއެވެ.
(5 ފެބުރުވަރީ) ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި، އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދެއްވަން ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
(4 ފެބުރުވަރީ) ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގު ޗާޓު އިފްތިތާޙްކޮށްފައިވަނީ ބުދަ ދުވަހުއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމަގުޗާޓު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފެވެ. ރާއްޖޭގައި ދިރިއުޅޭ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގުޗާޓަކީ" 2026 އިން 2030ގެ ނިޔަލަށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މަގުޗާޓެކެވެ.
(1 ފެބުރުވަރީ) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވީ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ހުށަހެޅި 1،936 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރަން ހުށަހެޅިި 1،611 ފޯމެވެ.
(31 ޖަނަވަރީ) ރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ، އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން އިންތިޚާބުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދާލަތު ޕާޓީގެ 4ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން، މި އިންތިޚާބު ބޭއްވުމަށް "ފަހިވިހި"ގެ ނަމުގައި ޚާއްސަ ޕޯޓަލެއް އެ ޕާޓީން ހުޅުވާލިއެވެ.
(31 ޖަނަވަރީ) އައު ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ޕްލޮޓް ކަނޑައެޅުމަށް ގުރުއަތު ނަގައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ގުރުއަތު ނެގުން 14 ގަޑިއިރަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖުމުލަ 4072 ގޯތި ގިރާވަރު ފަޅުން ދޫކޮށްފައިވެއެވެ.
(4 ފެބުރުވަރީ) ސާފު ފެނާއި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދިނުމަށްޓަކައި އެކުލަވައިލި "ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޤައުމީ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވައިލުން ކަމަށެވެ.
(31 ޖަނަވަރީ) ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، 'ސްވައިޕް'ގެ ލިމިޓެޑް ރިލީޒުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއީ، ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރާ %100 ދިވެހި އުފެއްދުމެއް ތަޖުރިބާ ކޮށްލުމަށް ލިބޭ ފުރުޞަތެކެވެ.
(31 ޖަނަވަރީ) މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.
އެމްޕީއެލުން ވިދާޅުވީ، މިގޮތަށް ޑެމަރޭޖު ނާރާގޮތަށް ބަހައްޓާ މުދަލުގެ ތެރޭގައި ކޮންވެންޝަނަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުހިމެނޭ ކަމަށެވެ. އެކުންފުނިން ވިދާޅުވީ، މިގެނައި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.
(1 ފެބުރުވަރީ) އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝާޑީ ގަވަސްމީ އައްޔަންކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
(2 ފެބުރުވަރީ) ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ފަށްޓަވައިދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީކުރުމަށްޓަކައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޭން ޕްރައިވެޓު ލިމިޓެޑާއެވެ.
(5 ފެބުރުވަރީ) ތިލަފުށީގައި ތަރައްގީކުރާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު، 20 ހެކްޓަރަށް ބަދަލުވެގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް ގާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
(5 ފެބުރުވަރީ) އެމްޕީއެލުން މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ. މީގެ އިތުރުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުން މި ޚިދުމަތުގެ ތެރޭގައި ހިމެނެއެވެ.
(5 ފެބުރުވަރީ) ޕްރޮކިއުމަންޓް ޤަވާއިދަށް ގެނައި އިޞްލާޙުތަކާއެކު ގިނަ މަޝްރޫޢުތަކެއް ކުދި ވިޔަފާރިތަކަށްލިބޭ އިސްލާހު ގެޒެޓްކޮށްފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
(31 ޖަނަވަރީ) ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީން ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.
31 ޖަނަވަރީ 2026 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ދަރިވަރުން ބައިވެެރިވެއެވެ. އެއީ 286 ފިރިހެން ދަރިވަރުންނާއި އަދި 64 އަންހެން ދަރިވަރުންނެވެ.
(3 ފެބުރުވަރީ) މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" އިޕްތިތާހުކޮށްފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ކުރި ނިޒާމަކީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.