މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްއާއެކު މައުލޫމާތު ބެލެހެއްޓުމާއި ޚިދުމަތް ދިނުން ފަސޭހަވެގެންދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކަރެކްޝަނަލް ސާރވިސްގެ ގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިހާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އެކި ގޮތްގޮތައް ގައިދު ކުރެވޭ މީހުންގެ މައުލޫމާތުތައް ބެލެހެއްޓުމާއި އަދި އެމައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އެތަކެއް ކަރުދާސްތަކެއް މީގެ ކުރިން ބޭނުން ކުރަމުންދިޔަކަމަށެވެ. މީގެ އިތުރުން އެއްތަނުން އަނެއްތަނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެތައް އުނދަގޫތަކެއް ކުރިމަތިވިކަމަށެވެ.
ވަޒީރު ވިދާޅުވީ އިންޓަރކަނެކްޓެޑް ޕްރިޒަން ސިސްޓަމްގެ ތެރެއިން އެއް ވިއުގައަކުން ޤައިދީންނާ ގުޅޭ މައުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ގާއިމުވެފައިވާކަމަށެވެ. އެގޮތުން ގައިދު ކުރެވޭ ފަރާއްތަކަށް އެންމެ ހައްސާސް އެއްކަމަކީ އެމީހުންގެ މެޑިކަލް ރެކޯރޑްސްތަކާއި އަދި ޖަލުގައި ހޭދަކުރާ މުއްދަތުގައި ޕާރސަނަލް ރެކޯޑްސްތަކުގެ ބެލެހެއްޓިފައި ހުރި ގޮތް ސާފުކޮށް ފެންނަން ނެތުންކަމަށެވެ.
"އެހެންނަމަވެސް މި ގާއިމުވެގެންދިޔަ ޑޭޓާ ސިސްޓަމާއެކު ކޮންމެ ގައިދު ކުރެވޭ މީހެއްގެ ހަރަކާތްތައް ޕްރިސަނަރގެ ތެރެއިން ހިގައި މޫވްމަންޓުތައް ދިވެހި ބޭސްފަރުވާގެ ރިކޯޑްސްތައް އަދި ރިހެބިލިޓޭޝަންގެ ތެރެއިން ދޭ ފަރާއްތަކަށް ކުރިއަށް ބަލަހައްޓަމުންދާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަކީ ކޮންމެ މުއައްސަސާއެއްގެ އަމާޒުކަމަށެވެ. އެގޮތުން އިފްތިތާހުކުރެވިގެން ދިޔަ މައިއެމްސީ ޕޯޓަލްގެ ޒަރިއްޔާއިން ދިވެހި ރައްޔިތުންންގެ ތެރެއިން އެ ސާރވިސްގެ ހިދުމަތައް އެދޭ ފަރާތްތަކަށް އޮންލައިންކޮށް އެ ހިދުމަތް ލިބޭނެ ނުވަތަ އެދެވޭނެ މަގު މިހާރު ފަހިވެގެން ގޮސްފައިވާކަމަށެެވެ. އެގޮތުން ދިވެހި ރައްޔިތުން ކުރީގައި ރެކޯރޑްސް ސާފުކުރުމަށް އެދެމުން އައި އެދުން އަދި ކިއުގައި ޖެހިގެން ތިބި ތިބުން މިހާރު ނިމުމަކަށް އައިސްފައިވާކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ނިޒާމުގެ ތެރެއިން ގައިދު ކުރެވިފައިވާ ފަރާތްތަކަށް އާއިލާތަކުން ޒިޔާރަތްތްކުރުމަށް އެދުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ.
ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ އިފްތިތާޙުކުރި ތިން މަޝްރޫޢުއަކީވެސް މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން މި ސަރިވސްގެ އިސްތިރާޖީ އެކްޝަން ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫ.އެން.އޯ.ޑީ.ސީގެ ފަންނީ އެހީތެރިކަން ލިބިގެން ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ. މި ޕްލޭނާ އެއްގޮތަށް މި ސަރވިސްގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމުން ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމާއި އެ މީހުންނާ ގުޅުންހުރި ހުރިހައި މަޢުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުރުމާއެކު، މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދުގައި ތިބޭ މީހުން މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ.
އަދި "މައިއެމްސީއެސް" ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯރޓަލްއެއްކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ. "މައިއެމްސީއެސް" ޕޯރޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރާންޖެހޭ މަސައްކަތްތައް އަވަސްވެގެންދާނެއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލަކީ ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށްފައިވާ ނިޒާމެކެވެ. މައިއެމްސީއެސް ޕޯރޓަލް އާންމުންނަށް ހުޅުވާލެވޭނީ މި މަހުގެ ފަހުކޮޅުގަކަމަށްކަމަށް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވިއެވެ.