ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާއާއެކު ކުޅެންޖެހޭ ގްރޫޕް ސްޓޭޖުގެ މެޗު ބޮއިކޮތް ކުރީ ބަނގްލަދޭޝްއާ މެދު ކަންތައްތައް ކުރި ގޮތުން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.
ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ ކުޅިވަރާއި ސިޔާސީ ކަންކަން ތަފާތު ދެކަމެއް ކަމަށާއި ނަމަވެސް ޕާކިސްތާނުން އިންޑިޔާގެ މެޗު ނުކުޅެން ނިންމީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ.
"އަހަރުމެން މި ވަގުތު ބަނގްލަދޭޝްއާއެކު ތިބުމަކީ މުހިންމު ކަމެއް. ކުޅިވަރާއި ސިޔާސީ ކަންކަން ވަކި ކުރަން ޖެހޭ. މި ނިންމުމަކީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށް ފެނުމުން ނިންމި ނިންމުމެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މި މަހުގެ 15 ވަނަ ދުވަހު އިންޑިޔާއާ ދެކޮޅަށް ލަންކާގައި ކުޅޭ މެޗު ނުކުޅެން ޕާކިސްތާން ނިންމީ ބަނގްލަދޭޝްގެ ހުށަހެޅުން ގަބޫލު ނުކޮށް އެ ގައުމު މުބާރާތުން ވަކި ކުރުމަކީ އިންޑިޔާ އަޑީގައި އޮވްގެން ނިންމި ނިންމުމެއް ކަމަށް ގަބޫލު ކޮށްގެނެވެ.
ބަނގްލަދޭޝް އެދުނީ އިންޑިޔާގައި އެ ގައުމުގެ ކުޅުންތެރިންނަށް ސަލާމަތާއި ރައްކާތެރިކަން ނެތް ކަމަށް ބެލެވޭތީވެ އެ ގައުމުގެ މެޗުތައް ލަންކާ އަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް މިކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީން) ދެކޮޅު ހެދި އެވެ.
ޕާކިސްތާން ބުނަނީ މިއީ އެއް ކަމެއްފައި އައިސީސީން ދެ ގައުމަކާމެދު ތަފާތުކޮށް ކަންކަން ކުރުން ކަމަށެވެ. ޕާކިސްތާން އިޝާރާތް ކުރަނީ ހުސްވި އަހަރު އެ ގައުމުގައި ބޭއްވި އޭޝިއާ ކަޕް ކުޅެން ޕާކިސްތާނަށް އައުމަށް އިންޑިޔާ ދެކޮޅު ހެދުމުން އެ ގައުމުގެ މެޗުތައް ޑުބާއީ އަށް ބަދަލު ކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން ޕާކިސްތާނުގައި ބޭއްވި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ކުޅެން ޖެހުނީ ޑުބާއީގަ އެވެ. ހަގީގީ މުބާރާތެއް ބޭއްވި ކަމުގެ އިހުސާސް ޕާކިސްތާނަށް ނުކުރެވުނެވެ.
މިހެންވެ ޕާކިސްތާނުގެ ޓުވެންޓީ20 ބޮއިކޮޓް ކުރަން ވިސްނި ނަމަވެސް އިންޑިޔާ އަށް ޖެއްސުން ކުރެވޭގޮތަކީ އެ ގައުމާ ދެކޮޅަށް ނުކުޅުން ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ. މި ގޮތަށް ހަދައިފިނަމަ ޕާކިސްތާނަށް ގްރޫޕް ސްޓޭޖުގެ ދެ ޕޮއިންޓް ގެއްލޭނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާނާއި ނެމީބިއާ އާއި ނެދަލޭންޑްސް އާއި އެމެރިކާ އެވެ. މި ޓީމުތަކަށް ބަލާއިރު އިންޑިޔާ މެޗު ދޫކޮށްލާފައި ވެސް ޕާކިސްތާނަށް ދެ ވަނަ ބުރަށް ދިއުމަށް ހުރަސްއެޅޭ ވަރުގެ ގަދަ ޓީމެއް ނެތެވެ.