2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާއިން ވިލަރެސްކުރާ ރަޝިޔާއާއި ޔޫކްރެއިންގެ މަޝްވަރާތަކުގެ ދެވަނަ ބުރު އަބޫ ދާބީގައި ފަށައިފިއެވެ.
ތިން ޤައުމުގެ މެދުގައި ބައްވާ މަޝްވަރާތައް ދެ ދުވަހަށް ދެމިގެން ދާނެއެވެ. އެ ބައްދަލުވުން ފަށާފައި މި ވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމުން ވެސް ހަކަތައިގެ ދާއިރާއަށް އެއްވެސް ޙަމަލާއެއް ނުދިނުމަށް ވި އެއްބަސްވުމެއްގެ ނާޖާއިޒު ފައިދާ ރަޝިޔާއިން ނަގާފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ތުހުމަތުކުރައްވާފައި ވަނިކޮށެވެ. އެ މުއްދަތުގެ ބޭނުން ރަޝިޔާއިން ކުރީ ހަތިޔާރު އެއްކުރުމަށް ކަމަށާއި، ރެކޯޑު ޢަދަދަކަށް ބެލިސްޓިކް މިސައިލް ބޭނުންކޮށް ރަޝިޔާއިން ފެބްރުއަރީ މަހުގެ 3ވަނަ ދުވަހު ޔޫކްރެއިންއަށް ޙަމަލާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްވަރާތަކުގައި ޔޫކްރެއިންގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ރުސްތެމް ޔުމެރޮވް ވިދާޅުވީ ތިން ޤައުމުން އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި، ޤައުމުތައް ވަކިވަކިން ވެސް ވަކި ޚާއްޞަ ކަންތައްތައް މަޝްވަރާ ކުރުމަށް ބައްދަލުކުރާނެ ކަމަށެވެ.
ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ރަޝިޔާއާއި ޔޫކްރެއިން އެއްގަލަކަށް އަރުވައި ހަނގުރާމަ ހުއްޓައިލެވޭތޯ ގިނަ މަސައްކަތްތަކެ
އް ކޮށްފައެވެ. އެމެރިކާގެ ބައިވެރިވުމާއެކު އެތައް ފަހަރެއްގެ މަތިން މަޝްވަރާތައް ކޮށްފައިވާ ނަމަވެސް މައި ނުކުތާތަކެއްގެ މައްޗަށް ދެ ޤައުމަށް އަދިވެސް ވަނީ އެއްބަސް ނުވެވިފައެވެ. ރަޝިޔާއިން އަދި ވެސް ޝަރުތު ކުރަމުން ދަނީ ޔޫކްރެއިންގެ ބައެއް ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށެެވެ. އަދި ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ޒަޕޮރީޖާގައި ހުންނަ ވިލާތުގެ އެންމެ ބޮޑު ނިއުކްލިޔަރ ޕަވަރ ޕްލާންޓުގެ ކުރިމަގާ މެދު ވެސް ދެ ޤައުމުން ދެބަސްވެއެވެ. ހަމައެއާއެކު ދޮންޔެސްކު ސަރަޙައްދުން ޔޫކްރެއިންގެ ސިފައިން ފޭބުމަށް ވެސް ރަޝިޔާއިން ޝަރުތުކުރެއެވެ. ނަމަވެސް ޝަރުތުކަކަކީ ޔޫކްރެއިންއިން ބަލައިގަންނަ ޝަރުތުތަކެއް ނޫނެވެ.
ޔޫކްރެއިންގެ ގާތްގަނޑަކަށް 20 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އޭގެ ތެރޭގައި 2022ވަަނަ އަހަރުގެ ކުރިން ރަޝިޔާއިން އަތުލާފައިވާ ކްރައިމީޔާއާއި ދޮންބާސް ސަރަޙައްދު ވެސް ހިމެނެއެވެ. 2024ވަނަ އަހަރުން ފެށިގެން ޔޫކްރެއިންގެ ސަރަޙައްދުގެ 1.5 އިންސައްތަ ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބެލެވެއެވެ.