ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ މ. ނާޒްލީމަންޒިލް، އުމުރުން 28 އަހަރުގެ ޙަސަން ނުޢާޒާއި ވ. ސެޓެލައިޓް، އުމުރުން 39 އަހަރުގެ އަޙްމަދު ނަޢީމެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 1 ވަނަ ދުވަހު މާލެ ސަރަހައްދުގައެވެ. މި މައްސަލައިގައި ނާޖާއިޒު ފައިދާ ނަގައި، ކުށްކުރުވުމަށް ބޭނުންކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަށްވަމުންނެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންނަށް މަޖުބޫރުކޮށްގެން މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ބައިވެރިކުރުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.