ޚަބަރު

ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް ޚާއްޞަ ވޯކްޝޮޕެއް


  • ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރާނެ

  • މިއީ މީގެ ފުރަތަމަ ބައްދަލުވުން

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޯޕަރޭޝަން، މައިންޑްކޯއިން "ކޯ-ކްރިއޭޓިންގ ޕިލަރ 6" ގެ ނަމުގައި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ، "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް"ގެ ދަށުން، ރައްޔިތުންނަށް ފަސޭހަ އަދި ވިޔަފާރިތަކާ ރައްޓެހި ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަކީ، "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން އެމީހަކު މަސައްކަތް ކުރާ މުއައްސަސާއެއްގެ ޑިޖިޓަލް މަސައްކަތްތައް އިސްވެ ހިންގުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މި އޮފިސަރުންނަކީ، 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ރާއްޖެއަކީ "ޑިޖިޓަލް-ފަސްޓް" ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ޤައުމީ ލަނޑުދަނޑި ޙާޞިލު ކުރުމުގައި، ދައުލަތުގެ ތެރޭގައި ހުރި ޑިޖިޓަލް ފަރަގުތައް ކުޑަކުރުމަށް މަސައްކަތްކުރާނެ މައިގަނޑު ފަރާތްތަކެވެ.

މި ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ، ރޯޑްމެޕްގެ ހަވަނަ ތަނބު (P6) އަށެވެ. މިއީ، އާންމު ޚިދުމަތްތައް ފަރުމާ ކުރުމުގައި ރައްޔިތުންނާއި، ވިޔަފާރިތަކުގެ ބޭނުންތަކަށް އިސްކަންދިނުމަށް އަމާޒުކޮށްފައިވާ ބައެކެވެ. މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ، ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ހިތްވަރުދިނުމުގެ އިތުރުން، ކުރިއަށް ހުރި ޑިޖިޓަލް މަސައްކަތްތަކަށް ބޭނުންވާ ބިންގާ އެޅުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ޑިޖިޓަލައިޒުވެފައިވާ ޤައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތައް އަލިއަޅުވާލައްވާފައެވެ. އެގޮތުން މޯލްޑިވްސް 2.0ގެ ދަށުން ސްޓޭކް ހޯލްޑަރުންނާއި، ރޯޑްމެޕްގައި ހުރި ކޮންޕޯނަންޓްތައް ޙިއްސާކޮށް އެކަންކަމާއިމެދު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، 2028ވަނަ އަހަރުގެ ކުރީކޮޅަށް ހުރިހައި މަސައްކަތެއް ނިންމުން މި ޑިޖިޓަލައިޒޭޝަން މަސައްކަތުގެ. ޚާއްސަކޮށް ރޯޑްމެޕްގައި މިހާރު އައުޓްލައިން ކުރައްވާފައި ހުރި ކަންކަން. އަޅުގަނޑުމެން ޝެއަރ ހޯލްޑަރުންނާއި ރޯޑްމެޕްގައި މިހާރު އައުޓްލައިން ކުރައްވާފައި ހުރި ކަންތައްތައް." ކިނާނަތު ވިދާޅުވިއެވެ.

މައިންޑްކޯއިން ވިދާޅުވީ، މިހާތަނަށް އެ ކުންފުނިން އިސްކަންދީފައިވަނީ ސަރުކާރުގެ މުއައްސަސާތަކަށް އެހީތެރިކަމާއި، އިރުޝާދު ދޭ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި އަމާޒަކީ ހަމައެކަނި ބައިވެރިއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ޚިދުމަތްތައް އެކުގައި ބިނާކުރާ ބަޔަކަށްވުން ކަމަށެވެ. މި ބަދަލުގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނާ (DTOs) އެކު މިހާރަށްވުރެ ގާތުން މަސައްކަތްކޮށް، ޚިދުމަތްތައް ފަރުމާ ކުރުމުގެ ނަތީޖާ ރަނގަޅު ކުރުމަށާއި، ޑިޖިޓަލް ޙައްލުތައް ހޯދުމުގައި ބޭނުންކުރާ ފަރާތްތަކުގެ އިޙްސާސްތަކަށް އިސްކަންދެވޭނެކަން ފާހަގަކޮށްފައިވެއެވެ.