ޚަބަރު

އިންތިޚާބުގައި 6 ސިޔާސީ ޕާޓީ، އެންމެ ގިނަ ކެންޑިޑޭޓުން ޕީއެންސީން


  • ކައުންސިލް އިންތިޚާބުގައި ޕީއެންސީން 665 ކެންޑިޓުން

  • ޑަބްލިޔުޑީސީތަކަށް 658 ކެންޑިޓުން ވާދަކުރާނެ

އަންނަ އޭޕްރީލު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީންކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ކައުންސިލް އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަމަވަމުން އެކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން ކުރިމަތިލީ ފަރާތްތަކުގެ ކެންޑިޑެންސީ ގަބޫލުކޮށް ލިޔުން ދީފައިވާ ކެންޑިޑޭޓުންގެ އަދަދުތައް ހާމަކުރައްވާފައެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބަލާއިރު، އެއިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުން ކެނޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން 1210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރި 401 ކެންޑިޑޭޓުންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ގަބޫލުކޮށްފައެވެ. މިއާއެކު މި އިންތިޚާބުގައި ކައުންސިލްތަކަށް ވާދަކުުރުމުގެ ހައްޤުލިބިގެންވާ ކަމުގެ ލިޔުން ވަނީ 1611 ފާރާތަކަށް ދެއްވާފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

ކައުންސިލް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރާ މިންވަރު:

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް 665 ކެންޑިޑޭޓުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ 495 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ 8 ކެންޑިޑޭޓުން
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 31 ކެންޑިޑޭޓުން
ދަ ޑިމޮކްރެޓްސް 8 ކެންޑިޑޭޓުން
ޢަދާލަތު ޕާޓީ 3 ކެންޑިޑޭޓުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން 1،611 ފޯމު ހުށަހަޅާފައިވާއިރު، ކެންޑިޑެންސީ ގަބޫލުކޮށް އިލެކްޝަންސް ކޮމިޝަނުން ލިޔުން ދީފައިވަނީ 1383 ކެނޑިޑޭޓަކަށެވެ. މީގެ ތެރެއިން 5 ސިޔާސީ ޕާތީއަކުން 1116 މީހުން ކުރިމަތިލާފައިވާއިރު، އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 665 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އަދި އަމިއްލަ ގޮތުން 267 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހިމެނޭ ޕާޓީތައް:

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް 658 ކެންޑިޑޭޓުން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ 417 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ 7 ކެންޑިޑޭޓުން
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 28 ކެންޑިޑޭޓުން
ޢަދާލަތު ޕާޓީ 6 ކެންޑިޑޭޓުން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާއިރު ބައެއް ރަށްތަކުގެ ކައުންސިލްތަކަށް ބޭނުންވާ އަދަދަށް ކުރިމަތިލާފައިވާތީ ކައުންސިލް މެންބަރުކަމާއި ކައުންސިލްގެ ރައީސްގެ މަޤާމުތަށްވެސް ވަނީ ކަށަވަރުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ އެއްވެސް ފަރާތަކަށް ނަން އަނބުރާ ގެންދިޔުމުގެ ފުރުޞަތު އޮންނާނީ ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށްގެންދިއުމުގެ ކުރިން ކަމަށާއި މަސައްކަތް ކުރާނީ އަންނަ ހަފްތާގެ ތެރޭގައި ގުރުއަތުލުން ނިންމާލުމަށްކަމަށެވެ.

"މިމަހުގެ 12 ނުވަތަ 13 ހިސާބުގައި އަޅުގަނޑުމެންނަށް ގުރުއަތުލުމުގެ ކަންކަން ފެށޭނެކަމަށް މިބަލަނީ. އެހިސާބަށް ކޮންމެ ފަރާތަކަށްވެސް ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮންނާނެ" އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއްވެސް މިހާރު ޕްރޮސެސްކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި އަދަދުތަކަށް ބަދަލެއް އަންނާނީ ކެންޑިޑޭޓަކު އަމިއްލައަށް ނަން އަނބުރާ ގެންދިއުމުން ނުވަތަ އެ ކޮމިޝަނުން ބަލައިނުގަންނަ ފޯމެއް ހުށަހެޅި ފަރާތަކުން ކޯޓަށް މައްސަލަ ހުށަހަޅައި، ކޯޓުން އެ ފޯމު ބަލައިގަތުމަށް އަމުރުކުރާ ހާލަތެއްގައި އެކަނި ކަމަށެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ.