ޚަބަރު

ބެންޒޭމާ އެންމެ ފަހުން ވާދަވެރި އަލް ހިލާލަށް


ސައުދި އަރަބިއްޔާގެ އަލް އިއްތިހާދަށް ކުޅެމުންދިޔަ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒޭމާ އެ ކްލަބް ދޫކޮށް ވާދަވެރި އަލް ހިލާލަށް ސޮއި ކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ބެންޒޭމާ އަލް ހިލާލަށް ބަދަލުވެފައިވަނީ އަލް އިއްތިހާދާއިއެކު އޭނާ ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލަށް ހުށައެޅި އެއްބަސްވުމުގައި އޭނާއަށް މަހު މުސާރައިގެ ގޮތުގައި އެއްވެސް މިންވަރެއް ނުލިބި ހަމައެކަނި ލިބޭ ފައިސާ އަކީ އިމޭޖް ވިއްކައިގެން ލިބޭ އާމްދަނީ ކަމަށް އޮތުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.

އަލް އިއްތިހާދުން ހުށައެޅި އެއްބަސްވުމުގައި އެގޮތަށް އޮތުމުން ބެންޒޭމާ ވަނީ އެކަމާއި ހިތްހަމަނުޖެހި އެ ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ކުޅުމަށް ދެކޮޅު ހަދާފަ އެވެ. ސައުދީ ޕްރޯ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް އަލް ހިލާލްގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައިވާ ގޮތުގައި ކަރީމް ބެންޒޭމާ އަކީ މިހާރު އެ ކްލަބުގެ ކުޅުންތެރިއެކެވެ.

ކަރީމް ބެންޒޭމާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އަލް އިއްތިހާދަށް ކުޅެދިން 21 މެޗުގައި ޖުމްލަ 16 ލަނޑު ޖަހާފަ އެވެ.

ބެންޒޭމާ އަލް ހިލާލަށް އަށް ސޮއިކޮށްފައިވަނީ އެއް އަހަރާއި ބައިގެ މުއްދަތަކަށް ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ. ނަމަވެސް އޭނާގެ މުސާރަ އާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައެއް ނުވެއެވެ.