ޚަބަރު

އަވަސް އެޕް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ރާމީ ރިއްފަތު


  • ނަސީބުވެރިޔާއަށް ދީފައި ވަނީ ކަޅު ކުލައިގެ ނިސާން ނޯޓު އޯރާ ކާރެއް

  • ޕްރޮމޯޝަން ކުރިއަށް ދިޔައީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އަވަސް އެޕުން ކުރިއަށް ގެންދިޔަ 'ރައިޑް އެންޑް ވިން' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

ރޭ ޕީއެސްއެމްގެ ގޯތިތެރޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ރާމީ ރިފަތެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ދީފައިވަނީ، ކަޅު ކުލައިގެ ނިސާން ނޯޓު އޯރާ 2023 އީ ޕަވާގެ ކާރެކެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އަވަސް އެޕް އަލުން ލޯންޗު ކުރުމާ ގުޅިގެން ފެށި މި ޕްރޮމޯޝަނަކީ، އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުޞަތު އަވަސް އެޕްގެ އެކި ޚިދުމަތްތައް ބޭނުންކުރި ހުރިހާ ފަރާތްތަކަށް ހުޅުވާލިއެވެ.

އަވަސް އެންޓަޕްރައިޒަސްގެ އަވަސް އެޕަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން، ރައްކާތެރިކަމާއި އިތުބާރާއެކު ޚިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް މެދުވެރިކޮށް ޓެކްސީ ބުކް ކުރުމާއި، ފައިސާ ދެއްކުމާއި، އެހެން މީހުންނަށް ޓެކްސީ ބުކް ކޮށްދިނުމުގެ އިތުރުން ދަތުރުތައް ޝެޑިއުލް ކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި ކަސްޓަމަރުންގެ ފޯނު ނަންބަރު ސިއްރު ކުރެވޭ ފީޗާއަކާއި، ލައިވް ލޮކޭޝަން ބަލާލުމުގެ ޚިދުމަތްވެސް މި އެޕްގައި ހިމަނާފައިވެއެވެ.

އަވަސް އެޕުން ވަނީ، ޑެލިވަރީގެ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން 'އަވަސް އެކްސްޕްރެސް' ގެ ނަމުގައި އާ ޚިދުމަތެއް ތަޢާރަފް ކުރާނެކަން އިއުލާންކޮށްފައެވެ. މި ޚިދުމަތް މިހާރު ބީޓާ ޓެސްޓިން މަރުހަލާގައި އޮތްއިރު، ޓެސްޓުތަކަށްފަހު ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެއެވެ.

މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 'އަވަސް އެކްސެސިބިލިޓީ ވޭން'ގެ ޚިދުމަތްވެސް އެ ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ. 2019 ވަނަ އަހަރު އޮންލައިންކޮށް ޓެކްސީ ބުކްކުރެވޭ ގޮތަށް ތައާރަފްކުރި މި އެޕްލިކޭޝަންގައި މިހާރު 3،000 އެއްހާ އުޅަނދު ރަޖިސްޓްރީވެފައިވެއެވެ.