މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިހާރު ކުރިޔަށްގެންދާ އަލިފާނުން ރައްކާތެރިވުމުގެ ހަފުތާގައި މާދަމާ ޚާއްޞަ ސެޝަންތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އަލިފާނުން ރައްކާތެރިވުމުގެ ހަފުތާއާއި ގުޅޭގޮތުން ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓާފް އޮފިސަރ އެޑްމިން އެންޑް ޕާސަނަލް - ކެޕްޓަން އިސްމާއިލް އަޙްމަދު ވިދާޅުވީ، ހަފުތާއަކަށް ކުރިޔަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން ފެބްރުއަރީ 3 ވަނަ ރޭ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސެޝަނަކީ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނަށާއި ސަރުކާރުގެ ކުންފުނިތަކާ، ޕްރައިވެޓް ބޮޑެތި ކުންފުނިތަކަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދާ ސެޝަނެއް ކަމަށެވެ. މި ސެޝަން ކުރިޔަށް ދާނީ، މާދަމާ ރޭގެ 20.00 އިން 22.00 އަށެވެ. މީގެ އިތުރުން، މި މަހުގެ 5 ވާ ހުކުރު ދުވަހު ރަސްފަންނުގައި އާންމުންނަށް ހުޅުވާލައިގެން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
" ކުރީގެ އަހަރުތަކާއި ޚިލާފަށް މިއަހަރު ދިވެހި އަސްކަރިއްޔާއިން މި ހަރަކާތް ހިނގުމުގައި އެހެން ފަހަރުތަކާއި ތަފާތުކޮށް ކުރިޔަށް ގެންދާ ކަމެއް ފާޙަގަކޮށްލަންޏާ ދަންނަވާނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ މިބާއްވާ ސެޝަން، މި ސެޝަނަކީ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ބޭފުޅުންނަށާއި ސަރުކާރުގެ ކުންފުނިތަކާ، ޕްރައިވެޓް ބޮޑެތި ކުންފުނިތަކަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދާ ސެޝަނެއް". ކެޕްޓަން އިސްމާއިލް ވިދާޅުވިއެވެ.
ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރި ކުރުވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެށި އަލިފާނުން ރައްކާތެރިވުމުގެ ހަފުތާ ކުރިއަށް ގެންދާނީ ޖެނުއަރީ 31 އިން ފެށިގެން ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި ހަރަކާތުގައި މިފަހަރުވެސް ސްކޫލްތައް ބައިވެރިވާނެއެވެ. މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގައި ސްކޫލުތަކުގެ ގްރޭޑް 7 އާއި ގްރޭޑް 12 ދެމެދު ކިޔަވަމުންދާ ދަރިވަރުންނަށް މައުލޫމާތު ދޭނެއެވެ. އެގޮތުން މި ހަރަކާތްތަކުގެ ދަށުން މިހާތަނަށް އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ޚާއްޞަކޮށް ރޭ 20.00 އިން 22.00 ވަނީ ޚާއްޞަ ސެޝަނެއް ބާއްވާފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެކި ސަބަބުތަކާހުރެ މި ސެޝަންތަކަށް ނުދެވޭ ފަރާތްތަކަށް އަމާޒުކޮށްގެން 128 ތަނަކަށް ޒިޔާރަތްކޮށް، ގޭބިސީތަކާއި މުޖުތަމައު ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނަށް މައުލޫމާތުތައް ދިނުމަށް އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބެނާތަކާއި ލިޔުންތައް ބޭނުންކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަދި އަތޮޅުތެރޭގައި މި ހަރަކާތް ކުރިއަށް ގެންދާނެ ރަށްތައް ކަނޑައަޅާފައިވަނީ އާބާދީގެ ބޮޑުމިނަށާއި، މީގެ ކުރިން މިފަދަ ހަރަކާތްތައް ނުހިންގާ ރަށްތަކުގެ އިތުރުން އަލިފާނުގެ ހާދިސާތައް ގިނައިން ހިނގާ ރަށްތަކަށް ބަލައިގެން ކަަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ. އަތޮޅު ތެރޭގެ ރަށްރަށުގެ އިތުރުން މާލެ ސަރަޙައްދު ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައިވެސް މި ހަރަކާތްތައް ކުރިއަށްދާނެއެވެ.
މި ހަރަކާތްތަކާއި ގުޅޭގޮތުން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުގެ ހެޑް އޮފް އިންސްޕެކްޝަން ވޮރަންޓް އޮފިސަރ ގްރޭޑް 2 ފިރުޝާން އަޙްމަދު ވިދާޅުވީ، މިފަދަ ބޮޑު ހަރަކާތެއް ހިންގުމަށް ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
" ދިވެހި ފުލުހުންގެ ޚިދުމަތާއި، އެސްޓީއޯ، ތައުލީމީ ވުޒާރާ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް، ޕީއެސްއެމް، އެމްޓީސީސީ، މިފްކޯ، ދިރާގު، އެޗްޑީސީ، މޯލްޑިވް ރެޑްކްރެސެންޓް، މޯލްޑިވް އިސްލާމިކް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަދި އެލައިޑް އިންޝުއަރަންސްގެ އެހީތެރިކަން ދަނީ ވަރަށް ބޮޑަށް ލިބެމުން". ފިރުޝާން ވިދާޅުވިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވައި، މިފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމެވެ.
އަލިފާނުން ރައްކާތެރިވުމުގެ ހަފުތާއަކީ، އެމްއެންޑީއެފްއިން 2012ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިޔަށްގެންދާ ހަރަކާތެކެވެ.