ބޭންކް އޮފް މޯލްޑިވްސް ޤައުމީ ބޭންކުގެ އަސްލު މަގާމަށް ރުޖޫއަވެފައިވާ ކަމަށާއި، އެ ބޭންކަކީ މިހާރު ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މުހިންމު ބައިވެރިއެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ބީއެމްއެލް ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުުވުމަށް އިއްޔެ އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ބުރާންޗަށް އިތުރުކުރި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ބީއެމްއެލްއަށް އައިސްފައިވާ ބަދަލުތަކާއެކު، ދިވެހި ޤައުމީ ބޭންކުގެ އަސްލު މަގާމަށް އެ ބޭންކު ރުޖޫޢަވެފައިވާ ތަން މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތައް ފުޅާކުރުމުގައި ބޭންކުން އަދާކުރަމުންދާ ދައުރުން މިކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ބޭންކް 10 މިލިޔަން ރުފިޔާގެ ކެޕިޓަލުން ފަށައިގެން މިއަދު 16 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް ކެޕިޓަލް އިތުރުވެފައިވާއިރުގައި އޭގެން ހަމަ ފައިދާ މިވަނީ ދިވެހި ރައްޔިތުންނަށް. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޮގެންދިޔައީ ބޭންކް އޮފް މޯލްޑިވްސް، ބޭންކުގެ އަސްލު މަގާމަށް، ދިވެހި ގައުމީ ބޭންކުގެ މަޤާމަަށް ގެނެސްދީފައިވާ ތަން. ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަދި ބޮޑެތި ވިޔަފާރިތައްވެސް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު." މާލީ ވަޒީރު ވިދާޅުވިއެވެ.
ބީއެމްއެލްގެ ވިޔަފާރި މޮޑެލްގެ އިތުރުން، ސަރުކާރާއި ބޭންކާއި ގުޅިގެން މަސައްކަތްކުރާ ގޮތާ މެދު ބައެއް ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކަށްވެސް ވަޒީރުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.
"މިފަހަކަށް އައިސްސަ ވަަރަށް ބޮޑަށް ފާހަގަކުރެވޭ ބޭންކް އޮފް މޯލްޑިވްސް ފުޅާވަމުންދާ ވަރާއި ބޮޑުވަމުންދާ ވަރާމެދު، ނުވަތަ ވިޔަފާރި ކުރާ މޮޑެލާއި ދޭތެރޭގައި، އަދި ބޭންކާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރާ ގޮތާއި ދޭތެރޭގައި ބައެއް ބޭފުޅުން ޚިޔާލު ފާޅުކުރައްވާތަން ފެނޭ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ ކޮންމެ ގައުމެއްގެވެސް އިޤްތިޞާދު ފުޅާވެ ބޮޑުވެގެން ރައްޔިތުންނަށް ޚިދުމަތް ދެމުންދާއިރު، އެ ގައުމެއްގެ ބޭންކު ފުޅާވެ ބޮޑުވެ އަދި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެހެން ބޭންކުތަކުން ނުކުރާ މަސައްކަތްތަކެއް ކުރޭ. ދުނިޔޭގެ ތަރައްޤީވެފައިވާ ކޮންމެ ގައުމަކަށް ބެލިކަމުގައިވީނަމަވެސް މިކަންތައް ހިންގަނީ މިގޮތަށް." މާލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުރިމަގުގައި ބީއެމްއެލްގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ ވިޔަފާރިތައް ފުޅާވެގެން ކަމަށެވެ. އެހެންކަމުން، ޤައުމީ ބޭންކުގެ އެންމެ މުހިންމު ރޯލަކީ ކުދި، މެދު އަދި ބޮޑެތި ވިޔަފާރިވެރިންގެ އަތުގައި ހިފައިގެން އެފަރާތްތަކާއެކު މަސައްކަތް ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްކޮށްފިނަމަ އޭގެ މަންފާ މުޅި ރާއްޖެއަށްވެސް ކުރާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.