ޚަބަރު

އައްޑޫ ލިންކު ރޯޑު ތަރައްޤީކުރަން ސާވޭ ކުރަނީ


  • ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ

އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމަށް ބޭނުންވާ ސާވޭގެ މަަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ވިދާޅުވެއްޖެއެވެ.

އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެމަގު ވަރަށް ބޮޑަށް ހަލާކުވެ، އެކި ފަހަރުމަތިން މަރާމާތުކުރި ނަމަވެސް މަގުގެ ހާލަތު އޮތީ ވަރަށް ދަށްކޮށެވެ. އައްޑޫގެ ބޮޑު އާބާދީއެއް 24 ގަޑިއިރު އެމަގު ބޭނުންކުރާއިރު ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ. މި ކަމަކީ އައްޑޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެވެ.

އައްޑޫގެ ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލުގެނެސް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުވެސް ވަނީ ދެއްވާފައެވެ. އެގޮތުން އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރައްވައި އެ މަސައްކަތް ވަނީ ފަށާފައެވެ.

އާރްޑީސީން ވިދާޅުވީ ލިންކު ރޯޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިހާރު ކުރަމުންދަނީ ބޭނުންވާ ސާވޭގެ މަސައްކަތް ކަމަށެވެ. އަދި އައްޑޫގެ އެތެރޭގެ މަގުތައް ހެދުމަށްވެސް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ފެބްރުއަރީ މަހުގެތެރޭގައި ސާވޭގެ މަސައްކަތް ނިންމާ މަގު ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމަށް އާރްޑީސީން ވިދާޅުވިއެވެ.

" އައްޑޫ ލިންކު ރޯޑު 20 އަހަރު ވެގެން ދިޔައީ މެއިންޓަނަންސްއަށް އެއްވެސް މަސައްކަތެއްނުކޮށް. މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިިން އައްޑޫއަށް އަންނަ މި ބޮޑު ޕްރޮޖެކްޓަކީ 800 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް. މިއީ އައްޑޫ ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެއް" އާރްޑީސީން ވިދާޅުވިއެވެ.

އައްޑޫގެ ލިންކު ރޯޑު ތަރައްގީކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ މި މަސައްކަތަކީ އައްޑޫގެ ރައްޔިތުން ވަރަށް ބޭނުންވެފައިވާ މަސައްކަތެއްކަމަށެވެ. މިމަގު މަރާމާތު ނުކޮށް އޮތުމުގެ ސަބަބުން ދުއްވާ ގިނަ އުޅަނދުތަކެއް ހަލާކުވުމާއި އެކްސިޑެންޓުތައް ދިމާވާކަމަށް ރައްޔިތުން ބުންޏެވެ.

" އައްޑޫ ލިންކު ރޯޑު މިއޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. ދުއްވާ ގިނަ ވެހިކަލްތަކެއްވެސް ހަލާކުވެއްޖެ. އެކްސިޑެންޓުތައް އެހާ ގިނަ. މިހާރު 20 އަހަރުވީ މިތަން މަރާމާތު ނުކޮށް އޮންނަތާ. މިއީ އަސްލު ވަރަށް ބޮޑަށް ބޭނުންވެފައި އޮތްކަމެއް. އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް އަސްލުމީ" އައްޑޫ ރައްޔިތުން ބުންޏެވެ.

ލިންކް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަދި ސީޓީބީ އަޅާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އާރްޑީސީން ވިދާޅުވިއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށް 3 އަހަރާއި 11 މަސް ދުވަހުން ނިންމާ ގޮތަށެވެ.

މިމަސައްކަތުގެ ދަށުން ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި ތަރައްޤީކުރުމާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާކިން އާއި، ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.