މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހުޅުމާލޭގައި ޤާއިމްކުރާ 5000 ޓަނުގެ ފެން އުފެއްދޭ ނިޒާމުގެ މަސައްކަތް ނިންމާ އަންނަ މަހު ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލެ ހުޅުމާލޭގައި ދުވާލަކު 10،000ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްވެސް އެމްޑަބްލިޔުއެސްސީންދަނީ ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރެވޭ މަސައްކަތަކީ ފެނުގެ ޔަގީންކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްކަމަށެވެ.
މަތީން ވިދާޅުވީ ފެން ރައްކާކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި 5000 ޓަނުގެ ފެން އުފައްދާ އެއް ޕްލާންޓުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށާފައިވާކަމަށެވެ. އަދި އިތުރު 5000 ޓަނުގެ ފެން އުފައްދާ ނިޒާމުގެ މަސައްކަތް ނިންމާ އަންނަ މަހު ބޭނުން ކުރަން ފެށޭނެކަމަށްވެސް މަތީން ވިދާޅުވިއެވެ.
"މިދިޔަ އަހަރުގެ ތެރޭގައި 5000 ޓަނުގެ ޕްރޮޑަކްޝަން ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި. އިތުރު 5000 ޓަނުގެ ޕްރޮޑަކްޝަން ކެޕޭސިޓީގެ މަސައްކަތް ހުޅުމާލޭގައި ދަނީ ހިނގަމުން. މަހެއްހާ ދުވަސްތެރޭގައި ނިންމާފައި ބޭނުން ކުރަން ފެށޭނެ. އެއާއެކު 10000 ޓަނުގެ އިތުރު ވެގެން އެދަނީ ޕްރޮޑަކްޝަން ކެޕޭސިޓީ، މާލެ ސަރަހައްދަށް އައު ޕްލާންޓްތަކާއި ސްކޫލް ހުޅުވުމާއި ރޯދަމަހާއި އެކު އޮންނަ ޑިމާންޑަށް އަޅުގަނޑުމެންނަށް ކޭޓަރ ކުރެވޭނެ." މަތީން ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން ވިދާޅުވީ މިއާރްއޯ ފެސިލިޓީއަކީ މާލެއާއި ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެޅިގެން ދިޔަ ފިޔަވަޅެއްކަމަށެވެ. އަދި އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ފެން ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީން ވަނީ މިދިޔަ އަހަރު ހުޅުމާލޭގައި 10000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ގާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ.
މީގެއިތުރުން އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގީ ބެހެއްޓުމުގެ މަސައްކަތް މިމަހުގެތެރޭގައި ފެށުމަށްވެސް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓާ ބޭނުން ކުރަންވަނީ ފަށާފައެވެ.