ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން މިއަހަރު 125 ކޯހަކުން 4000 އެއްހާ ޖާގައަށް ހުޅުވާލާފައިވާކަމަށް ޤައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވެއްޖެއެވެ.
ޟާމިރު މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީން ފެބްރުއަރީ އިންޓޭކަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން މި އަހަރުގެ ގިނަ ކޯސްތަކެއް ފަށަން ނިންމާފައިކަމަށާއި އެ ކޯސްތަކަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. އޭގެތެރޭގައި އެމްނެންޔޫގެ 12 ފެކަލްޓީގެ އެކި ލެވެލްތަކުގެ ކޯސްތައް ހިމެނޭކަމަށް ވިދާޅުވިއެވެ.
ޟާމިރު ވިދާޅުވީ އެމްއެންޔޫއަކީ ޤައުމީ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރާ ތަނެއްކަމަށާއި އެގޮތުން ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ތަފާތު އެކި އެކި ހޯދުންތައް ހޯދަމުންދާކަމަށެވެ. ޟާމިރު ވިދާޅުވީ މި އަހަރުވެސް މުޅިން އަލަށް 6 ކޯހެއް ފަށަން ނިންމާފައިވާކަމަށެވެ.
ޟާމިރު ވިދާޅުވީ ލޭންގުއޭޖް ފޯ ހޮސްޕިޓާލިޓީ، އިންޖިނިއަރިން ދާއިރާގެ މާސްޓަރ ލެވެލް ކޯސް، ކާބޯތަކެތީގެ ދާއިރާއަށް ފުޑް ސައިންސް އަދި ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝިއުރަންސް ކޯސް ހިމެނޭކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ބެޗްލަރ އޮފް ސައިކޮލޮޖީގެ އޯނަރކޯސް، މާސްޓަރ އޮފް ރިސަރޗް އޮފް ޕަބްލިކް ހެލްތު އަދި ކުރިން އޮތް ޕަބްލިކް ހެލްތު ކޯސް ފަރުމާކުރުމަށްފަހު އަލުން ހުޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޟާމިރު ވިދާޅުވީ މިހާރު ހުރި ކޯސްތަކަށް ގިނަ ކުދިންނަށް ވަދެވޭނެ ގޮތައް ފަރުވާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
" އައު ކޯސްތައް ތައާރަފްކުރުމުގެ އިތުރުން އަޅުގަނޑުމެންގެ ހުރި ކޯސްތައް ވީހާވެސް ގިނަ ދަރިވަރުންނަށް އެކްސެސް ލިބޭނެ ގޮތަކަށް ފަރުމާކޮށްގެން ތައާރަފްކުރުމުގެ މަސައްކަތް އެބަކުރަން. އޭގެ ތެރެއިން މާސްޓަރ އޮފް ނާރސިން ކޯސް. ނަރުހުންގެ ކޯސް ކޮންމެ ދުވަހަކު ކުލާހަށް އައުމުގެ ބަދަލުގައި ވަޒީފާގައި ތިބެގެން ކިޔެވޭނެ ގޮތައް އަޅުގަނޑުމެންގެ 4 ކެމްޕަހުގައާއި މާލެއާއި އަޅުގަނޑުމެން އެބަ ތައާރަފްކުރަން" ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވީ އެމްއެންޔޫގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިމަހުގެ 26އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެކި ދާއިރާތަކުގެ އެކި ކޯސްތަކަށް ގިނަ ދަރިވަރުންތަކެއް ފޯމް ހުށަހަޅަމުން ދާކަމަށްވެސް ވިދާޅުވިއެވެ. މާލެއާއި އަތޮޅު ތެރޭގެ ކެމްޕަސްތަކުން 125 ކޯހަކުން 4000 ޖާގަ ވަނީ ހުޅުވާލާފައިކަމަށް ރެޖިސްޓްރާ މުޙައްމަދު ޟާމިރު ވިދާޅުވިއެވެ. އެމްއެންޔޫގެ ގިނަ ކޯސްތަކަށް އެކި އުމުރުފުރާގެ މީހުން ކުރިމަތިލަމުން ދާވާހަކަ ފާހަގަކުރައްވާ އޭނާ ވިދާޅުވީ މީގެ ތެރެއިންވެސް ގިނައީ ޒުވާނުންކަމަށެވެ.