ޚަބަރު

ބޮޑުކަންނެލި ގަންނަން ފެށުމަކީ މަސްވެރިންނަށް ލިބުނު އުއްމީދެއް


  • ކަންނެލި މަހަށްވެސް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރޭ

  • މިފްކޯއަށް ކިރުވި ކަންނެއްޔަށް މިހާތަނަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާ

ބޮޑުކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަދި އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރި ދާއިރާއެކެވެ. މި ސަރުކާރުން ވެރިކަމާއި ޙަވާލުވީއިރުވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ވަނީ އެދެވޭ ޙައްލެއް ނުލިބިއެވެ. ނަމަވެސް މިކަމަށް ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިކަންކަމުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ މިފްކޯއަށް ބޮޑުކަންނެލި ގަތުމެވެ. މި ވަޢުދާއި އެއްގޮތަށް މިހާރު މިފްކޯއިން ދަނީ ބޮޑު ކަންނެލި ގަންނަމުންނެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް، މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މިމަހުގެ 21 ވަނަ ދުވަހު ވަނީ، 10ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައެވެ. މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވަނީ، ކިލޯއެއް 20ރގެ މަގުންނެވެ. ކޫއްޑޫ ބަނދަރާއި، އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި، ގދ. ގައްދޫގެ އިތުރުން ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި މިހާރު ދަނީ ގަންނަމުންނެވެ.

މީގެއިތުރުން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ދަނީ، 15 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންނެވެ. މި ސައިޒުގެ ކަންނެލި މިފްކޯއިން ގަންނަނީ 25ރ. ގެ މަގުންނެވެ. މިފްކޯއިން ވިދާޅުވީ، ސަރުކާރުގެ ވަޢުދާ އެއްގޮތަށް މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާ ކަމަށެވެ.

މިފްކޯއިން ވިދާޅުވީ، މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ޙައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވުމަށް މިފްކޯއިން މިހާރު ވަނީ ކަނޑުއޮތްގިރީގައި ބޮޑުކަންނެލީގެ އޮޕަރޭޝަން ފަށާފައެވެ. ސަރުކާރުން މިފަދަ އޮޕަރޭޝަނެއް ފަށާއިރު އެކަން ކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމުގެ ކުރިން މަސްވެރިން ބޮޑު ކަންނެލި ވިއްކަމުން ދިޔައީ އަމިއްލަ ކުންފުނިތަކަށެވެ. ބޮޑު ކަންނެލި ވިއްކައިގެން ބިލްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއްވުމުން މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ދިޔައީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންނެވެ. ނަމަވެސް މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމުން މަސްވެރިންނަށް މިވަނީ ދިމާވެފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ލިބި، ކިރުވާ މަހަށް ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައެވެ.

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށިފަހުން މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.