އޮޕަރޭޓަރުންނަށް ލުއިތަކެއްދީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ޝަޢުގުވެރިވާ ކުންފުނިތަކަށް އެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މީގެކުރިންވެސް މި ޚިދުމަތަށް ހުޅުވާލިއެވެ. ނަމަވެސް އަލުން ހުޅުވާލަށް ނިންމީ، އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު މަޖިލީހުގައި ވާހަކަދައްކަވަމުން ދަތުރު ފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ސަރުކާރުން ހުށައެޅި ބައެއް ޝަތުރުތަކާ ގުޅިގެން ޚިދުމަތް ދޭ ޝަޢުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ޝަކުވާތަކެއް ހުރިކަމަށެވެ. އެއާ ގުޅިގެން އުސޫލަށް ބައެއް ބަދަލުތައް ގެނެސް، އަޅުން މި ފުރުޞަތަށް ހުޅުވާލަން ނިންމާފަވާކަމަށެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން މިހާރު ވަނީ އަލުން އުސޫލުތައް އާއްމުކޮށް، ޚިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށައެޅުމަށްވެސް ހުޅުވާލާފައެވެ. މި ޚިދުމަތަށް އަލުން ހުޅުވާލި މައިގަނޑު މަޤުޞަދަކީ، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމެއެވެ. އަދި މި ޚިދުމަތުގެ ޝަތުރުތަކުގެތެރޭގައި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ދިނުމަށް، ސަރުކާރުގެ ބޭނުމަށް ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން ޚިދުމަތް ދޭންޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
ސިއްޙީ ކުއްލި ޙާލަތްތަކުގައި ދޭ ޚިދުމަތައް ކަނޑައެޅޭ ވަކި އުސޫލަކުން ދޭން ވަނީ ޝަރުތުކޮށްފައެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް ޚިދުމަތް ދޭންޖެހޭނެކަމަށް ވަނީ ކަނޑައަޅަފައެވެ. ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްގެންދާނީ، ކަނޑައެޅޭ އުސޫލުން ސަރުކާރުން އަގު އަދާކުރާގޮތަށެވެ.
މި ޚިދުމަތަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވަގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތައް ރާއްޖޭގައި ޚިދުމަތް ދިނުމަށެވެ. އޮޕަރޭޓަރަކަށް ހުއްދަ ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ބަލާނެއެވެ. ޚިދުމަތް ދެވޭނީ ރާއްޖޭގެ އޭވިއޭޝަން އޮޕަރޭޓަރެއް ނުވަތަ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ. ހުށައެޅޭނީ މަދުވެގެން 5 އަހަރު ހެލިކޮޕްޓަރު އޮޕަރޭޝަންގައި ޚިދުމަތް ދީފަވާ ކުންފުނިތަކަށެވެ.
ރާއްޖޭގައި ޚިދުމަތް ދިނުމަށް ޝަޢުގުވެރިވާ އޮޕަރޭޓަރުންނަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ އަންނަ މަރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޖޫން މަހުގެ މެދުތެރޭގައި ކޮންޓްރެކްޓް ހަދާ، ކުންފުނިތަކަށް ހުއްދަ ދޭނެއެވެ. ހުއްދަދޭ މުއްދަތުން ފެށިގެން އެންމެ ލަސްވެގެން 2027ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުގެ ކުރިން ޚިދުމަތް ފަށަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެކުރިން މި ފުރުޞަތަށް ހުޅުވާލިއިރުވެސް، ރާއްޖެއިން ބޭރުގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފަވެއެވެ.