ޚަބަރު

ކުޅިވަރު މުބާރާތްތަކުން ޤައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅުވޭ: ނައިބު ރައީސް


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގެ ސަބަބުން، ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރެވޭކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ގދ. ފިޔޯރީގައި ކުރިއަށްދިޔަ "ބީފާން 2026" ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފިޔޯރީ ކައުންސިލާއި ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް)އިން ގުޅިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވައި ނައިބުރައީސް ވިދާޅުވީ، މިފަދަ މުބާރާތްތަކުން ވަރަށް ގިނަ ކަންތައްތަކެއް ޙާސިލްވެގެންދާތަން ފެންނަ ކަމަށެވެ.

އެގޮތުން އިޖްތިމާޢީ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް، މިފަދަ މުބާރާތްތަކުން ވެސް އަޅުގަނޑުމެންނަށް ފަސްވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފަދަ މުބާރާތަކުން، ބީފާން 2026، މި މުބާރާތުން ވެސް ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ޙާސިލްވެގެންދާ ވާޙަކަ. އެއީ އިޖުތިމާޢީ ގޮތުން ގިނަގުނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް އެބަ ދަސްވޭ. މިސާލަކަށް ދަންނަވާކަމަށްވާނަމަ އަޅުގަނޑުމެންގެ ދިރިއުޅުމުގައި މި ހުންނަ ކުދިކުދި ކަންކަމާ ހުރެ އަޅުގަނޑުމެންގެ ރަށްތަކުގައި މި ހުންނަ، ދޭދޭ ފަރުދުންގެ މެދުގައި މި ހުންނަ ހިތްހަމަނުޖެހުން، މިފަދަ މުބާރާތްތަކުގެ ސަބަބުން އަޅުގަނޑުމެންނާ އެބަ ބީރަށްޓެހި ކުރުވާ. އެއީ އަޅުގަނޑުމެން މި މުބާރާތްތަކަށް ތައްޔާރުވާ ތައްޔާރީތަކުގެ ތެރޭގައި ރަށުގައި އެ ހުންނަ ރޫހާއި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ސަބަބުން އެފަދަ ކަންކަން އަޅުގަނޑުމެންނާ އެބަ ދުރުކުރުވާ." ކުޅިވަރު މުބާރާތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ރަނގަޅުވާ ގޮތުގެ މިސާލު ދައްކަވައި ނައިބުރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާޙަގަކުރެއްވިއިރު، މި މުބާރާތުގައި ފިޔޯރިއާ ކައިރި ރަށްރަށުން ވެސް ޓީމުތައް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މެޗުގެ ފައިނަލް މެޗުގައި ވެސް ވާދަކޮށްފައި ވަނީ ރަތަފަންދޫ ސްޕޯޓްސް ކުލަބާއި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު (ޑީއެސްއާރުސީ) އެވެ. ޑީއެސްއާރުސީ އަކީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޓީމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވިއިރު، މެޗުގެ ކުރިން އެމަނިކުފާނަށް ވަނީ، ފޭސް ޖަމިއްޔާގެ ފަރާތުން، އެ ޖަމިއްޔާއަށް އެމަނިކުފާނު ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ހަނދާނީ ފިލައެއް ވެސް ދެއްވާފައެވެ.

މުބާރާތުގެ ފައިނަލުގައި ގދ. ރަތަފަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-3 ސެޓުން ކުރިހޯދައި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓު ހޯދައިދިން ކުޅުންތެރިޔާ އަށާއި މުބާރާތުގެ އެންމެ އަގުހުރި ކުޅުންތެރިޔާއަށް އަދި "ކިންގް އޮފް ބީފާން" އަށްވެސް އިނާމު ހަވާލުކޮށްދެއްވީ އެމަނިކުފާނެވެ.