ޚަބަރު

ޞިއްޙީ ޚިދުމަތް ފުޅާކުރުން: ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް


  • 56 އެމްބިއުލާންސް ވަނީ މި މަހުގެ 17ގައި ރަށްތަކަށް ޙަވާލުކޮށްފައި

  • މި މަޝްރޫޢަށް ސަރުކާރުން 65.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

  • މިއަހަރުގެ ތެރޭގައި އިތުރު 31 އެމްބިއުލާންސް ގެނައުމަށް ހަމަޖެހިފަވޭ

ރާއްޖޭގެ އާބާދީ ބެހިފައި އޮންނަގޮތުން، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އެކަށީގެންވާ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން އަތޮޅުތެރޭގެ ރަށްރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެކެވެ.

ޞިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުމަކީ ގިނަ ބައެއްގެ ޒަމާންވީ ކަންބޮޑުވުމެކެވެ. ބައެއް ރަށްތަކަށް އެމްބިއުލާންސް ލިބި، އެހެންނަމަވެސް މެއިންޓެންސް ނުކުރެވުމުގެ ސަބަބުން ހަލާކުވެފައި އެބަހުއްޓެވެ.

މި މައްސަލަތަކަށް ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ސިޔާސަތުތަކެއް ކަނޑައަޅުއްވައި އެމްބިއުލާންސް ބޭނުންވާ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވިއެވެ.

ސިއްޙީ ވުޒާރާއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއާއި ޙަވާލުކޮށްގެން ކުރިޔަށްގެންދާ މިސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް ވަނީ މި މަހުގެ 17ވަނަ ދުވަހު ރަށްތަކާ ޙަވާލުކޮށްފައެވެ.

އެމްޕީއެލްއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން 2025 ވަނަ އަހަރުއެވެ.

މި މަޝްރޫޢަށް ސަރުކާރުން 65.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.

އެމްޕީއެލްއިން މިހާރުވަނީ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އަދި މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން މުޅި ރާއްޖޭގެ ޞިއްޙީ ނިޒާމު ފުރިހަމަވެ، ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"އެމްޕީއެލްއާއެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެމްބިއުލަންސްވެސް އެބަ އާދޭ. ބޮޑެތި ސިޓީތަކަށް ބޭނުންވާ ރައީސް އެދިލައްވާ ގޮތަށް ބޮޑެތި ޕެރެމެޑިކް ބޮޑެތި ސައިޒުގެ ބޮޑެތި ނުރައްކާތެރި ހާލައްތަކުގައިވެސް ހިދުމަތް ދެވޭ ފެންފަރުގެ އެމްބިއުލާންސް އެބައާދޭ. މުޅި މިނިޒާމުގެ ފުރިހަމަވެގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލެ ސަރަޙައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސްތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.