މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ ފިޓުޖެހިގެން މޫދަށްވެއްޓި، ނިޔާވި އެމްޕީއެލް މުވައްޒަފުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވަނީ އެމްޕީއެލްގެ ޒުވާން މުވައްޒަފަކު، ވަޒީފާގެ ޤައުމީ ޒިންމާ އަދާކުރަމުންދަނިކޮށް ނިޔާވި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މަރުޙޫމްގެ ފުރާނައަށް ޖަންނަތުލް ފިރުދައުސްގައި ލެއްވުންއެދި ދުޢާދަންނަވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) January 22, 2026
ވަޒީފާގެ ޤައުމީ ޒިންމާ އަދާކުރަމުން ދަނިކޮށް އެމްޕީއެލްގެ ޒުވާން މުވައްޒަފު އަމީން ޢަބްދުލްޙަމީދު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމް އަމީން ޢަބްދުލްޙަމީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ… pic.twitter.com/l4SodlLQ2K
މި ހާދިސާގެ ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޙަމީދެވެ. އޭނާ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ. އަދި މި ހާދިސާ ހިނގުމާއެކު، އެ ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އިމަޖެންސީ ރެސްޕޮންސް ޓީމުން ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.
އުމުރުން 30 އަހަރުގައި އަމީން ނިޔާވިއިރު މަސައްކަތްކުރަމުންދިޔައީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ. އެ ކުންފުންޏާ އަމީން ގުޅުނީ 2020 ވަނަ އަހަރު ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.