ޚަބަރު

ޣައްޒާގެ ދެކުނުން ފަލަސްޠީންގެ ރައްޔިތުން ބޭރުކުރަން ޔަހޫދީން އަނެއްކާވެސް މަސައްކަތް ކުރަނީ


ފަލަސްޠީންގެ ޣައްޒާގެ ދެކުނު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން އަނެއްކާވެސް އަންގަން ފަށައިފިއެވެ.

މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންގެ ނިރުބަވެރި ފައުޖާ ދެމެދު ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް މިދިޔަ އޮކްޓޯބަރު މަހު ޢަމަލުކުރަން ފެށި ފަހުން، ޣައްޒާއިން ފަލަސްޠީންގެ ރައްޔިތުން ގަދަކަމުން ބޭރުކުރަން ޔަހޫދީން މަސައްކަތް ކުރާ ފުރަތަަމަ ފަހަރެވެ.

ޙަމާސުން ބުނީ، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް އަތްގަދަކުރަން ޔަހޫދީން ކުރާ މަސައްކަތް ފުޅާކުރަމުންދާ ކަމަށާއި، އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް އަންގަމުންދާ ކަމަށެވެ.

މިގޮތުން، ޣައްޒާގެ ދެކުނުގައި ހުންނަ ވަގުތީ ހިޔާތައް ހުސްކުރަން އަންގާ، ލީފްލެޓުތަކެއް އަޅާފައިވާކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުންޏެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް، ވަކި ސަރަޙައްދަކަށް ޔަހޫދީން ޙަމަލާ ދިނުމުގެ ކުރިން މިފަދަ ލީފްލެޓުތައް ބަހާފައިވެއެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ނަމަވެސް ޔަހޫދީން ދަނީ ޣައްޒާއަށް ތަކުރާރުކޮށް ޙަމަލާތައް އަމާޒުކުރަމުންނެވެ. އެ ގޮތުން އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ފަލަަސްޠީނުގެ 400އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިމާރާތްތައް ސުންނާފަތިކޮށް، ޣައްޒާގެ ރައްޔިތުން ގެދޮރުން ބޭރުކޮށްފައެވެ. ޣައްޒާގެ ދެ މިލިޔަނެއްހާ މީހުން މިހާރު ދިރިއުޅެމުން ދަނީ ފޭލިގެތަކުގައި އާއި ގެއްލުން ލިބިފައިވާ އިމާރާތްތަކުގައެވެ.

ޣައްޒާގައި އުޅޭ ފަލަސްޠީންގެ ރައްޔިތުން ގަދަކަމުން ބޭރުކުރަން ޔަހޫދީން އަނެއްކާވެސް މަސައްކަތް ކުރަން ފަށާފައިމިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންދާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށިފައިވާކަން އެމެރިކާއިން އިޢުލާނުކޮށްފައިވަނިކޮށެވެ.