ޚަބަރު

ވަޔާއި ކަނޑު ދަތުރުފަތުރުގެ ހާދިސާތައް ތަޙްޤީޤުކުރުން ސޭފްޓީ ބޯޑަށް


  • މި އިދާރާ އުފެއްދެވީ 9 އޭޕްރިލް 2025 ގައި

  • ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގިނަ ޒިންމާތަކެއް ބޯޑާއި ޙަވާލުކޮށްފައިވޭ

ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓުތައް ތަޙްޤީޤު ކުރުމުގެ މަސައްކަތްތައް އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީގެ ދަށުން ނަގާ، މޯލްޑިސްވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި އިދާރާއެއް އުފެއްދެވީ 9 އޭޕްރިލް 2025ގައެވެ. އެ އިދާރާއަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

ވައިގެ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަށަވަރު ކުރުމާއި، އެފަދަ ޙާދިސާތައް ބަލާ ތަޙުޤީޤު ކުރުމުގެ މަސައްކަތް ރަސްމީކޮށް، ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ދަށަށް ބަދަލު ކޮށްފައިވާ ކަމަށެވެ. މިއާއެކު މި މަސައްކަތް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމަ ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން ވަނީ، ބޯޑުގެ މެންބަރުންނާއި އަދި އިސްފަރާތްތަކާއި ބައްދަލުކުރައްވާ، ބޯޑުގެ މަސައްކަތްތަކާއި މި ދާއިރާ ހަރުދަނާ ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއީ، ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށާއި މުޅި ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބޯޑުގެ މަސައްކަތުގެ ތެރޭގައި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކްސިޑެންޓުތައް ތަޙުޤީޤު ކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާއި ޤަވާއިދުތައް ހަރުދަނާ ކުރުމާއި، ދާއިރާއިން ދިރާސާތައް ކުރުމާއި، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.