ޚަބަރު

ޕާކިސްތާނުން ފަހަތުން އަރާ ނޭޕާލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި، ޕާކިސްތާނުން ކުޅުނު ހަތަރުވަނަ މެޗުގައި، ތިން ލަނޑުގެ ލީޑެއްގައި އޮތް ނޭޕާލާ ފަހަތުން އަރާ އެއްވަރުކޮށްފިއެވެ.

މިއީ ޕާކިސްތާނުގެ ހަތަރުވަނަ މެޗުކަމުގައިވީ ނަމަވެސް މިއީ ނޭޕާލުގެ ތިންވަނަ މެޗެވެ.

ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި ކުޅުނު މި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ނޭޕާލުން ވަނީ ލަނޑެއް ޖަހައި ލީޑުނަގާފައެވެ. ދުރުދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗު ފެށުނުތާ 30 ސިކުންތުގެ ތެރޭގައި މި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ބިކްރާންތު ނާރްސިންގ ރަނާއެވެ.

ހާފު ނިމެން އުޅެނިކޮށް ނޭޕާލުގެ ލީޑު ފުޅާކޮށްދިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ ބިކްރާންތުއެވެ.

ދެލަނޑުގެ ލީޑެއްގައި އޮވެ ނޭޕާލުން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު، މާ ވަރުގަދަ ޕާކިސްތާނެކެވެ.

އެހެންނަމަވެސް މި ހާފުގައި ވެސް ފުރަތަމަ ލަނޑުޖެހީ ނޭޕާލުންނެވެ. ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ތިން ދަނޑިން އެތެރެކޮށްލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެނިޝް ޕްރަތާޕަތީއެވެ.

ނޭޕާލުގެ މި ލަނޑަށް މާ ގިނައިރުތަކެއް ނުވެ ޕާކިސްތާނުން ވަނީ މެޗުގައި ލަނޑެއް ޖަހާފައެވެ. ނޭޕާލުގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިލްހާމްއެވެ.

މެޗުގެ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ނޭޕާލުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޫރަޖް ގުރުންގެވެ.

އޭގެ މިނެޓެއްފަހުން ޕާކިސްތާނުން ދެވަނަ ލަނޑެއް ޖެހިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖަހަން އެސިސްޓްކޮށްދިން ނިސާރު ހުސެއިންއެވެ.

އޭގެ މިނެޓެއް ފަހުން އަނެއްކާވެސް ޕާކިސްތާނުން އިތުރު ލަނޑެއް ޖަހައި އެއް ލަނޑަށް ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާސިފް އަޙްމަދު ޗޯދުރީއެވެ.

ޕާކިސްތާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ ވަގުތުހަމަވާން ހަތަރު މިނެޓަށްވެފައި ވަނުކޮށް ކެޕްޓަން ހަސަން ޒަފަރު ޚާން އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޕާކިސްތާނުން ވަނީ އެ ޓީމުން ކުޅުނު ދެވަނަ މެޗުގައި، ބޫޓާން ކައިރިން ފަހަތުން އަރައި މޮޅުވެފައެވެ. އެ މެޗުގައި ބޫޓާނުން ދެ ލަނޑު ޖަހާފައި ވަނިކޮށް ޕާކިސްތާން މޮޅުވީ، ދެވަނަ ހާފުގައި ހަތަރު ލަނޑު ޖަހައިގެންނެވެ.

މި ނަތީޖާއާއެކު ޕާކިސްތާން ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ޕާކިސްތާނަށް ހަތް ޕޮއިންޓު ލިބިފައިވެއެވެ. މިވަގުތު ދެވަނައިގައި އޮތް ރާއްޖެއަށް ދެ މެޗުން ހަ ޕޮއިންޓު ލިބިފައިވާއިރު، ރާއްޖެއިން 15:00 ގައި އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ ތިންވަނަ މެޗަށް ނުކުންނާނެއެވެ.

ޕޮއިންޓު ތާވަލުގައި ނޭޕާލް އޮތީ ތިނަވަނައިގައި ފަސް ޕޮއިނަޓާ އެކުއެވެ.