ބަންގްލަދޭޝްގެ ޤައުމީ ފުޓްސަލް ޓީމުގެ ވައިސް ކެޕްޓަން އިންތިޝާރު މުސްތަފާ ޗޯދުރީ އެ ޓީމުގެ ސްކޮޑުން ބޭރުކޮށްފިއެވެ.
ބަންގްލަދޭޝް ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މާ ބޮޑު ތަފްސީލެއް މިކަމުގައި ދީފައި ނުވިނަމަވެސް ބުނެފައި ވަނީ، އިންތިޝާރު ޓީމުން ބޭރުކޮށްފައި ވަނީ އަހުލާގީ މައްސަލައަކާ ގުޅިގެންނެވެ.
ބީއެފްއެފްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޝާރަށް ފިޔަވަޅު އަޅާފައި ވަނީ ތަކުރާރުކޮށް، ޤަވައިދުތަކާއި އުސޫލުތަކާ ޚިލާފުވެފައިވާތީ ކަމަށެވެ.
ވައިސް ކެޕްޓަންގެ ހައިސިއްޔަތުން ޓީމުގެ އެހެން ކުޅުންތެރިންނަށް މިސާލު ދައްކަންޖެހޭ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އިންތިޝާރު، ތަކުރާރުކޮށް ޓީމުން ކަނޑައަޅާފައިވާ އަޚުލާގީ މިންގަނޑުތަކާ ޚިލާފުވެ، ކޯޑް އޮފް ކޮންޑަކްޓާއި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގައިގައި ހުންނަންޖެހޭނެ ސިފަތަކާއި ޚިލާފަށް އޭނާ ކަންކޮށްފައިވާކަމަށް ބީއެފްއެފް އިން ބުނެފައިވެއެވެ.
އޭނާގެ އަމަލުތަކުގެ ސަބަބުން ޓީމުގެ ލީޑާޝިޕް ސްޓްރަކްޗަރަށް ގޮންޖެހުމުގެ ސަގާފަތެއް އުފެދުމުގެ ބިރު އޮތުމާއި، މެނޭޖްމަންޓުގެ އަގުވެއްޓޭގޮތަށް އޭނާ ވާހަކަދައްކާފައިވާކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭނާއަށް ފިޔަވަޅު އެޅި މައިގަނޑު ސަބަބަކީ އެއީކަމަށް ބުނެފައިވެއެވެ.
އިންތިޝާރަށް ފިޔަވަޅު އެޅުމާއި އޭނާއަށް ރާއްޖެ މެޗުގައި ދެއްކި ރަތްކާޑާ ވެސް ގުޅުމެއް ވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޭނާއަށް ރަތްކާޑު ދައްކާފައިވަނީ ރާއްޖޭގެ އަލީ ޝިޔާޙް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނަ ނުދޭން ބޯޅައިގައި އަތް ލުމުންނެވެ. އެކަން ހިނގިގޮތް ތަފްސީލުކޮށްދެމުން އިންތިޝާރު ބުނެފައި ވަނީ، އެކަން ހިނގާފައި ވަނީ ތަކުރާރުކޮށް އޭނާ ބަދަލުކުރުމަށް ކޯޗުގެ ކިބައިން އެދުމުން ވެސް، އޭނާއަށް ޕިޗުގައި މަޑުކޮށް ކުޅެން މަޖުބޫރުކުރުމުންނެވެ. އަދި އެއީ "އިންްސްޓިންކްޓް" އެއް ކަމަށާއި، އެވަގުތު ހާސްވެފައި ހުރިވަރުން އެކަން އެހެންވީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އޭނާގެ ވާހަކަ ހުރީ މިކަން ހިނގުމުގައި ޒިންމާވާން ޖެހޭނީ ކޯޗޭ ބުނާ ކަހަލަ ގޮތަކަށެވެ.
އިންތިޝާރަށް ފިޔަވަޅު އެޅުމުގެ ގޮތުން އޭނާ ޓީމުން ބާކީކޮށްފައިވާއިރު އޭނާ އަނބުރާ ބަންގްލަދޭޝްއަށް ދިއުމަށް ވަނީ އަންގާފައެވެ. އެކަން ބަންގްލަދޭޝް ޓީމުގެ މެނޭޖަރު އިމްރާނުއްރަޙްމާން ވަނީ ކަށަވަރުކޮށްދީފައެވެ.
ފޭސްބުކުގައި އިންތިޝާރު ކޮށްފައިވާ ބައެއް ޕޯސްޓުތަކުން، އޭނާއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ދައްކައިދޭން މަސައްކަތްކޮށްފައިވާތަން ފެނެއެވެ.
"ދަނޑުމަތީގައި ކުޅެން މާ ގިނަ ވަގުތު ނުލިބުނަސް، ލިބުނު މަދު ސިކުންތުކޮޅެއް ނުވަތަ މިނެޓުކޮޅެއްގެ ތެރޭގައި އަހަންނަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން ސާބިތުކޮށްދެވިއްޖެ". އިންޑީއާއާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅުނު މެޗުގައި އޭނާ ކޮށްދިން އެސިސްޓެއްގެ ވީޑިއޯ ހިއްސާކޮށް އިންތިޝާރު ބުނެފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް އިން ތައިލެންޑަށް ދިޔަ ސްކޮޑުން ވައިސް ކެޕްޓަން އިންތިޝާރު ބޭރުކޮށްފައިވާއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައި އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. ފުރަތަމަ މެޗުގައި އިންޑީއާއާ 3-3 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ވަނީ ރާއްޖެ އަތުން 1-6 އިން ބަލިވެފައެވެ. އަދި ތިންވަނަ މެޗުގައި ބޫޓާން އަތުން 1-4 އިން ބަންގްލަދޭޝް ވަނީ މޮޅުވެފައެވެ.
ބޫޓާނާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅުނު މެޗުގައި ވެސް އިންތިޝާރު ފެނިގެން ނުދެއެވެ.