ޚަބަރު

އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ތެހެރާނުން "ހަރުކަށި ޖަވާބެއް" ލިބޭނެ


އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް ތެހެރާނުން "ހަރުކަށި ޖަވާބެއް" ލިބޭނެކަމަށް އީރާނުގެ ރައީސް މަސްއޫދު ޕީޒިޝްކިޔާން އިންޒާރު ދެއްވައިފިއެވެ.

އޭނާ މިގޮތަށް އިންޒާރުދެއްވައިފައި މިވަނީ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތުލުންތަކުގައި މަރުވި މީހުންގެ އަދަދު 5،000 މަށްޗަށް ގޮސްފައިވާކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މަރުވި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 500 ސަލާމަތީ މުވައްޒަފުން ހިމެނޭކަމަށްވެސް އޮފިޝަލުން މައުލޫމާތުދެއެވެ.

އީރާނުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި އެ ޤައުމުގެ ރައްޔިތުން ދަނީ މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

މުޒާހަރާތަކާ ގުޅިގެން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން މުޒާހަރާތަކުގައި ބައިވެރިންނާ މެދު ހަރުކަށިކޮށް ކަންތައް ކުރަމުންދާނަމަ އަދި މުޒާހަރާގެ ބައިވެރިން މަރުވަމުންދާނަމަ އެކަމުގެ ތެރެއަށް ތަދައްޚުލުވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޕޮލިޓިކޯއަށް ދެއްވި އިންޓަރވިއުއެއްގައި މިއީ އީރާނުގައި އައު ލީޑަރިޝިޕެއް އެކުލަވާލަންވީ ވަގުތުކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

ހަމަނުޖެހުންތަކުގެ ތެރެއިން ބަންދުކޮށްފައިވާ މީހުން މަރާލުމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އަދި ހުކުރު ދުވަހު ޓްރަމްޕް ވަނީ 800 މީހުން މަރާލުމަށް ތާވަލުކުރުމަށްފަހު އެކަމުގައި ކުރިޔަށްނުދާން ނިންމުމުން ތެރެހާނުގެ ލީޑަރުންނަށް ޝުކުރު އަދާކޮށް ޕޯސްޓެއްކުރައްވާފައެވެ. އޭގެ އެއް ދުވަސް ފަހުން އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ މުޒާހަރާގެ ފަހަތުގައިވާ މުޖުރިމަކީ ޓްރަމްޕްކަމަށް ވިދާޅުވެފައެވެ.