މުދާ އުފުލާ ބޯޓެއް، ބަންޑުން ޖަހާލުމާ ގުޅިގެން އެބޯޓުން ދަތުރުކުރި 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހެނދުނު 7:27 ޖަހާކަށްހާއިރު ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އަދި އެބޯޓުން 4 މީހުން ދަތުރު ކުރި ކަމަށާއި، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި، ބިދޭސީއެއް ކަމަށެވެ.
އެބޯޓު ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި އޮޔާދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ ޢިލްތިމާސްކުރައްވާފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.