ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފި


  • ޕްރައިމަރީގައި އެންމެ ވާދަވެރީ މާލޭގެ މޭޔަރުކަމަށް

  • ވޯޓުލުން ކުރިއަށްދިޔައީ މެންދުރު 14:30 އިން 20:00 އަށް

  • ޕްރައިމަރީގައި 152 ކެންޑިޑޭޓުންވަނީ ވާދަކޮށްފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލުކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގެ ވޯޓުލުން ބާއްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު މި އިންތިޚާބުގައި ޕާޓީގެ ވޯޓުލުމުގެ ޙައްގު ލިބިފައިވާ 14000 އެއްހާ މީހުން ވޯޓުލާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވަނީ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންގޮސްފައެވެ. މާލޭގައި މަޖީދިއްޔާ ސްކޫލާއި ގަލޮޅު މަދުރަސާއާއި ހިރިޔާ ސްކޫލްގެ އިތުރުން އިސްކަންދަރު ސްކޫލްގައި ވޯޓުލުންވަނީ ކުރިއަށްގެންގޮސްފައެވެ. ހުޅުމާލޭ ޣާޒީ ސްކޫލް އަދި ކާމިލްދީދީ ސްކޫލްގައިވެސްވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ މުޙްޠިއްދީން ސްކޫލުގައެވެ.

މި އިންތިޚާބުގައި އެންމެ ވާދަވެރި ދާއިރާއަކީ މާލެ ސިޓީގެ މޭޔަރުގެ ޓިކެޓަށް ވާދަކުރި މެމްބަރުންގެ ވޯޓެވެ. މާލޭގެ މޭޔަރުކަމުގެ ޓިކެޓު ކާމިޔާބުކުރެއްވީ މިހާރުގެވެސް މޭޔަރ އާދަމް އާޒިމެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން ޕްރައިމަރީގައި 152 ކެންޑިޑޭޓުންވަނީ ވާދަކޮށްފައެވެ. މީގެތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރިއަށްގެންގޮސްފައިވަނީ 2 ސިޓީއެއްގެ ޕްރައިމަރީއާއި އަތޮޅުތަކުގެ ބައެއް ދާއިރާތަކަށެވެ. މި ޕްރައިމަރީގައި މާލެ ސިޓީއާއި ތިނަދޫ ސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށްވަނީ ވޯޓުލާފައެވެ. އެހެން ސިޓީތަކުން ޕްރައިމަރީއަކާއި ނުލާ އެމްޑީޕީގެ ކެނޑީޑޭޓުންނަށްވަނީ ޓިކެޓު ދީފައެވެ.