ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަނުގައި ޕާކިސްތާނުން ކުޅުނު ދެވަނަ މެޗުގައި ބޫޓާނުގެ މައްޗަށް ކުރި ހޯދައި، ރާއްޖެ އަތުންވީ ބަލިން އަރައިގަނެ މުބާރާތުގައި ކުރިއަށް ދިއުމުގައި އުއްމީދެއް ހޯދައިފިއެވެ.
މުބާރާތުގައި ފާކިސްތާނުން ކުޅުނު ފުރަތަމަ މެޗުން ވަނީ 1-7 ގެ ނަތީޖާއަކުން ރާއްޖެ އަތުން ބަލިވެފައެވެ.
އެހެންނަމަވެސް މުބާރާތުގައި ޕާކިސްތާނުގެ ވެސް އަދި ބޫޓާނުގެ ވެސް ދެވަނަ މެޗުގައި ޕާކިސްތާން ވަނީ 2-4 އިން ބޫޓާނުގެ މައްޗަށް ކުރިހޯދާފައެވެ. ޕާކިސްތާނުން މި މޮޅު ހޯދާފައިވަނީ ބޫޓާނުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، ފަހަތުން އަރައެވެ.
މެޗުގައި ބޫޓާނުން ފުރަތަމަ ލީޑުނެގީ ފުރަތަމަ ހާފުގައި، ޕާކިސްތާނުގެ ފައުލު ހަމަވެގެން ބޫޓާނަށް ލިބުނު ދުރު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދާވާ ޝެރިންގެވެ. ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށްވެފައި ވަނިކޮށް ދާވާ ވަނީ އިތުރު ލަނޑެއް ޖަހައި ބޫޓާނުގެ ލީޑު ފުޅާކޮށްދީފައެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ބޫޓާނުން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފުގައި ފެނިގެންދިޔައީ ތަފާތު، ވަރުގަދަ ޕާކިސްތާން ޓީމެކެވެ. ގިނަ އެޓޭކުތަކެއް ޕާކިސްތާނު ޓީމުން ފެނިގެންދިޔަ މި ހާފުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީ ފަރަގު ކުޑަކޮށްދިނީ ކެޕްޓަން މުޙައްމަދު ޒަފަރު ޚާންއެވެ.
ޕާކިސްތާނަށް މެޗުގައި ނަތީޖާ ހަމަހަކުރީ ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި އާސިފް އަޙްމަދު ޗޯދުރީ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ޕާކިސްތާނުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ މެޗު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް މުޙައްމަދު އަދާން އަޝްފާޤް ކާމިޔާބުކޮށްދިން ލަނޑުންނެވެ އޭގެ މިނެޓެއްފަހުން އޭނާ ވަނީ ޕާކިސްތާނަށް އިތުރު ލަނޑެއް ޖަހައިދީ މެޗުގައި ލީޑުފުޅާކޮށްފައެވެ.
މި ނަތީޖާއާއެކު ޕާކިސްތާން ވަނީ ޕޮއިންޓު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ކުޅުނު ދެމެޗުން ޕާކިސްތާނަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ނޭޕާލަށް އެއް މެޗުން ތިން ޕޮއިންޓު އަދި ފައިދާ އެއް ގޯލު ލިބިފައިވެއެވެ. އެއްވަނައިގައި ރާއްޖެ އޮތީ ތިން ޕޮއިންޓާއި ފައިދާ ހަ ގޯލާއެކުއެވެ.
ތާވަލުގެ ފުލުގައި ބޫޓާން އޮތީ އެއް ޕޮއިންޓާއި ގެއްލުން ދެ ގޯލާ އެކުއެވެ.