ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލް ކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ފަށާފައިވަނީ 14:30ގައެވެ. އަދި މިރޭ 20:00އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މާލެ ސަރަހައްދާއި އަދި އަތޮޅުތަކުގައިވެސް ވޯޓު ފޮށިތަށް ބަހައްޓާފައިވަނީ ސްކޫލުތަކުގެއެވެ. މާލެ ސަރަހައްދުގައި މަޖީދިއްޔާ ސްކޫލުގެ އިތުރުން އިތުރު މާލޭގެ ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލު އަދި އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު ހުޅުމާލޭގައި ޕްރައިމަރީ ބާއްވަނީ ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ މުޙްޠިއްދީން ސްކޫލުގައެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ވޯޓުލުން ސްކޫލްތަކުގައި ބާއްވާއިރު، މީގެ ކުރިން ސްކޫލްތަކުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ނުބޭއްވެއެވެ. ނަމަވެސް އަދުގެ ސަރުކާރުން ވަނީ މި ސިޔާސަތަށް ބަދަލު ގެނެސް، ސްކޫލްތަކަށް ދަތިނުވާނެހެން ޗުއްޓީ ދުވަސް ނުވަތަ ބަންދު ދުވަސްތަކާއި ދިމާކޮށް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދީފައެވެ. އަދި ހުރިހާ ޕާޓީއަކަށްވެސް މި ފުރުޞަތު އެއް ހަމައަކުން އޮންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މިއާއެކު މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީތައް ބާއްވަމުން އަންނަނީ ރަށްރަށުގައިވެސް މާލެ ސަރަހައްދުގައިވެސް ސްކޫލުތަކުގައެވެ.
ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޕްރައިމަރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ބާއްވާފައެވެ.