ޚަބަރު

ރައީސް ދެއްވީ މުދާ ކްލިއަރކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު


  • މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ވަނީ ބައްދަލުކުރައްވާފަ

  • މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާވެސް ބައްދަލުކުރެއްވި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާއި، މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކުންފުނިތަކުގެ ވެރިން ވަނީ، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި މުދާ އުފުލާ ގަޑިއާއި، ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމާއި ގުޅޭގޮތުން އެބޭފުޅުން ގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންވެސް ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި، އެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިންގ ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި ވެހިކަލްތަކަށް ސްޕެއަރ ގެނައުމުން އެތަކެތި ބޮންޑުކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށް އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައެވެ. ޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.