ޚަބަރު

ޗެލްސީ ބަލިކޮށް އާސެނަލް ފުރުސަތު ބޮޑުކޮށްފި


އިނގިރޭސި ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވެފައިވާއިރު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އަންނަ ފެބްރިއަރީ މަހުގެ 3 ވަނަ ދުވަހު ކުޅޭ ދެވަނަ މެޗުން ޗެލްސީ މޮޅުވެގެން ނޫން ގޮތަކަށް އެ ޓީމަށް ފައިނަލުގެ ޖާގައެއް ނުލިބޭނެ އެވެ.

ޗެލްސީގެ ކޯޗު ކަމާއި އަލަށް ހަވާލުވި ލިއާމް ރޮސޭނިއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ދެވަނަ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވެ އެވެ. އޭގެ ތެރޭގައި ކެޕްޓަން ރީސް ޖޭމްސް އާއި ކޯލް ޕާމާގެ އިތުރުން މާލޯ ގުސްޓޯ ހިމެނޭއިރު މޯސެސް ކައިސޭޑޯ ހުރީ ސަސްޕެންޑްކޮށްފަ އެވެ.

މި މެޗުގެ ހަތް ވަނަ މިނިޓުގައި އާސެނަލްގެ ބެން ވައިޓް ލަނޑެއް ޖަހާ ކުރި ހޯދާފައިވާއިރު މި ލަނޑަކީ ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ވައިޓް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ރޮބަޓް ސަންޗޭޒް ހެދި އިތުރު ގޯހެއްގެ ފައިދާ ނަގާ އާސެނަލްގެ ވިކްޓަރ ގިޔޮކޯރެސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އާސެނަލް އިން ދެވަނަ ލަނޑު ޖެހިތާ ހަތަރުވަނަ މިނިޓުގައި މާކް ޖިއޫގެ ބަދަލުގައި ރޮސޭނިއާ ވަނީ އަލެހަންދްރޯ ގަރްނާޗޯ ކުޅެން އަރުވާފަ އެވެ. އަދި އޭނާ ކުޅެން އެރިތާ ހަތަރުވަނަ މިނިޓުގައި ގަރްނާޗޯ ވަނީ ޕެޑްރޯ ނެޓޯ ދިން ޕާހަކުން ލަނޑެއް ޖަހާފަ އެވެ.

ޗެލްސީ އިން ލަނޑެއް ޖަހާ އާސެނަލްގެ ގޯލަށް ނުރައްކާކުރި ނަމަވެސް މެޗުގެ 71 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ވަނީ އިތުރު ލަނޑެއް އާސެނަލް އަށް ކާމިޔާބުކޮށްދީފަ އެވެ.

ނަމަވެސް ދެވަނަ ހާފުގައި ޗެލްސީ އިން ކުޅުން ރަގަޅުކޮށް ފަހު ވަގުތާއި ހަމައަށް ކުރަމުންދިޔަ މަސައްކަތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ގަރްނާޗޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ޗެލްސީ އިން ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅޭއިރު އާސެނަލް ނިކުންނާނީ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށެވެ.