ކުޅިވަރު

ބާސެލޯނާއިން ޓާސްޓެގަން ފޮނުވާލައި، ރަޝްފޯޑްގެ އަގު ކުޑަކުރަނީ


އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ގަތުމަށް ބާސެލޯނާއިން މަސައްކަތް ފަށައިފި އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކުޅުންތެރިއެކެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ނިމޭނީ 2028 ވަނަ އަހަރު އެވެ. އޭނާ ބާސެލޯނާ އަށް ދިޔައީ ޔުނައިޓެޑްގެ ކުރީގެ ކޯޗާ މައްސަލަ ޖެހި ޓީމުން ބޭރު ކޮށްލުމުންނެވެ. ބާސެލޯނާގައި ރަޝްފޯޑް ދައްކާ ކުޅުމާމެދު ކޯޗު ހަންސީ ފްލިކް ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް އޭނާ ދާއިމީ ކުރުމާމެދު ބާސެލޯނާ އަށް ގޮތެއް ނުނިމިގެން އުޅެނީ އަގުގެ މައްސަލާގަ އެވެ. ބާސެލޯނާ އަށް މެންޗެސްޓާ ޔުނައިޓެޑުން ދާއިމީކޮށް އޭނާ ގެނެވޭނީ 30 މިލިއަން ޔޫރޯ ދީފަ އެވެ. ނަމަވެސް އެ ކުލަބުން މިހާރު ޔުނައިޓެޑާއެކު މަޝްވަރާ ފަށާފައިވަނީ މި އަގު ކުޑަ ކުރުމަށެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މާލީ ގޮތުން އަރައިގަތުމަށް މަސައްކަތް ކުރާ ދެ ކުލަބުގެ ތެރެއިން ޔުނައިޓެޑް މިވަގުތު ވިސްނުން ހުރީ އަގަށް ބަދަލު ނުގެނައުމަށެވެ. ނަމަވެސް މިކަމުގައި ޔުނައިޓެޑަށް އޮތް ޑިސްއެޑްވާންޓޭޖަކީ ބާސެލޯނާ ނޫން ކުލަބެއްގެ ހުށަހެޅުން ގަބޫލު ކުރަން ރަޝްފޯޑް ބޭނުން ނުވާތީ އެވެ.

ބާސެލޯނާއިން މިހާރު ވަނީ އެ ކުލަބުގެ ފަހަތް ވަރުގަދަ ކުރުމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ޔާއޯ ކަންސެލޯ ގެނެސްފަ އެވެ. ސައޫދީ އަރަބިއާ އަށް ބަދަލުވުމުގެ ކުރިން ވެސް ބާސެލޯނާ އަށް ކުޅުނު ކަންސެލޯގެ މުސާރައިގެ 90 ޕަސެންޓް ދޭނީ އޭނާ ކުޅެމުން އައި އަލް ހިލާލްއިންނެވެ. ބާސެލޯނާގައި އޭނާގެ މުސާރައަކީ ސީޒަނަކަށް ހަތަރު މިލިއަން ޔޫރޯ އެވެ.

ބާސެލޯނާއިން މިހާރު މަސައްކަތް ކުރަމުންދާ ދެ ވަނަ ކަމަކީ ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ވިއްކާލުމަށެވެ.
ޖަރުމަނުގެ ގައުމީ ކީޕަރު މިވަގުތު ބޭނުންވަނީ ލޯނު އުސޫލުން ކުލަބު ބަދަލު ކުރާށެވެ. އޭނާ ލައްވައި ކުޅުވަން ޝައގުވެރިކަން ފާޅުކޮށްފައިވަނީ ޖިރޯނާ އިންނެވެ. ނަމަވެސް ސްޕޭނުގެ މެދުފަންތީގެ މި ކުލަބަށް ދާން ޓާސްޓެގަން ދެކޮޅު ހަދަނީ މުސާރައިގެ މައްސަލާގަ އެވެ. ބާސެލޯނާއިން ބޭނުންވަނީ ޖިރޯނާއިން ޓާސްޓެގަންގެ މުސާރައިގެ 20 ޕަސެންޓް ދިނުމަށެވެ. ނަމަވެސް އެ ކުލަބުން އެއްބަސްވަނީ 10 ޕަސެންޓަށެވެ. މިގޮތަށް މިކަން ނުނިމޭނަމަ ޓާސްޓެގަން ޖެހޭނީ މުސާރަ ކުޑަކުރާށެވެ.

ނަމަވެސް ބާސެލޯނާއިން ކޮންޓްރެކްޓް ނުނިމެނީސް އޭނާއާ ފޮނުވާލަން ނިންމައި އައު ކީޕަރެއް ގެނެސް އޭނާ ތިން ވަނަ ކީޕަރަކަށް ހެދުމުން ޓާސްޓެގަން ހުރީ މާލީ ގޮތުން ބާސެލޯނާ އަށް ކުޑަކޮށް ވެސް ދޫދޭ ގޮތަކަށްނޫނެވެ. އެކަމަކު ޖަރުމަނުގެ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި ކުޅެން ބޭނުންވާނަމަ ސީޒަނުގެ ފަހު ބައިގައި އޭނާ އަށް ގަވާއިދުން ކުޅެން ގައުމީ ކޯޗު ވަނީ އަންގާފަ އެވެ.