ޚަބަރު

ރައީސްގެ ޢިނާޔަތުގެލޯން ނުދައްކާ ފަރާތްތަކަށް ފިޔަވަޅުއަޅުއްވަނީ


1992ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ މާލިއްޔާއިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ބައްލަވަމުން ގެންދަވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ 1992 ވަނަ އަހަރުން ފެށިގެން 2016 ވަނައަހަރުގެ މި މުއްދަތާ ހަމަޔަށް ޤަވާޢިދުން ފައިސާ ދައްކަމުން އަންނަނީ 18 ފަރާތަކުންކަމަށެވެ. މިފައިސާގެ ތެރެއިން، ނުލިބިހުރިކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފާހަގަކުރައްވާފައި ވަނީ 51،402،714ރ (ފަންސާސްއެއްމިލިއަން ހަތަރު ސަތޭކަ ދެހާސް ހަތް ސަތޭކަ ސާދަ) ރުފިޔާއެވެ. އަދި 2010 ވަނަ އަހަރުގެ ހިސާބުތައް އޮޑިޓްކޮށް، 6 ޖޫން 2013ގައި އޭ.ސީ.ސީ އަށް ހުށަހަޅުއްވާފައިވާ ރިޕޯޓަށް ރިޢާޔަތް ކުރައްވައި، އޮގަސްޓް 2016 ގައި އެ ކޮމިޝަނުން ނެރުއްވި ރިޕޯޓްގައި 2015 ވަނަ އަހަރުގެ ނިޔަލަށް ނުލިބި ހުރިކަމަށް ފާހަގަކުރައްވާފައިވަނީ 49،410،146.42ރ (ސާޅީސް ނުވަމިލިއަންހަތަރުސަތޭކަ ދިހަހާސް އެއްސަތޭކަ ސާޅީސް ހައެއް/ ސާޅީސް ދޭއް) ރުފިޔާއެވެ.

މިފައިސާ ދެއްކުމުގައި ޢަމަލުކުރާނެ އުޞޫލެއް 8 ޑިސެމްބަރ 2015 ކަނޑައަޅައި އެ އުޞޫލުގެ މަތިން ފައިސާ ދައްކަވަމުން ގެންދެވުމަށް އެފަރާތްތަކަށް ދަންނަވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.