މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯންގެ ގޮތުގައި 2025 ވަނަ އަހަރު 548 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މަތީ ތަޢުލީމަށް ދައުލަތުން ކުރަމުންދާ ޚަރަދު އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދައުލަތުން ވަނީ 1.24 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މީގެތެރެއިން 548 މިލިއަނަށްވުރެ ރުފިޔާ ޚަރަދުކޮށްފައިވަނީ މިދިޔަ 2025 ވަނަ އަހަރުގައެވެ.
އެވުޒާރާގެ ތަފާސްހިސާބަށް ބަލާއިރު 2025 ވަނަ އަހަރު 596 ދަރިވަރުންނަށްވަނީ ލޯނު ހަމަޖައްސައިދީފައެވެ. އަދި މިވީ 2 އަހަރުގެ ތެރޭގައި 1438 ދަރިވަރުންނަށްވަނީ ލޯނު ފޯރުކޮށްދީފައެވެ.
މި ވުޒާރާގެ ތަފާސް ހިސާބުތައް 2024 - 2025
— Min. of Higher Edu, Labour and Skills Development (@MoHEmv) January 12, 2026
ލޯނު ސްކީމް#HigherEducation pic.twitter.com/1WxzI0Lhej
ސްޓޫޑެންޓް ލޯނަށް އެދި ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވާ ގިނަ ކުދިންތަކެއް ކުރިމަތިލުމާ ގުޅިގެން ސަރުކާރުންވަނީ ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ފުރުސަތު ދިނުމަށް 2025 ވަނަ އަހަރު ނިންމާފައެވެ. އެއާއެކު މިހާތަށް 2108 ދަރިވަރަކަށްވަނީ ސްޓޫޑެންޓް ލޯންގެ ދަށުން ފުރުސަތު ލިބިފައެވެ. އެވުޒާރާއިން ވިދާޅުވީ، ސްޓޫޑެންޓް ލޯނުގެ ދަށުން މިވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 36 ޤައުމެއްގައި 1740 ދަރިވަރަކު ތަޢުލީމު ޙާސިލުކުރަމުން އަންނަކަމަށެވެ.
ސަރުކާރުންވަނީ ސްޓޫޑެންޓް ލޯނުގެ ދަށުން އެކުއްޖަކު ބޭނުން ޤައުމަކުން ކިޔެވުމުގެ އިންތިޒާމު ހަމަޖައްސަވާފައެވެ. އެހެންނަމަވެސް މިފުރުސަތުގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުސަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ބަލައިގެންނެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާފަދަ ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތައް ހިމެނެއެވެ.