ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1ގައި ހަދާފައިވާ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަޙައްދެއްގައި ކަމަށެވެ. ރާއްޖޭގެ ރީތިކަން ފެންނަ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެއެވެ.
މިއީ، ޓާމިނަލް 2ގެ ސީޕްލޭން ޗެކް-އިން ސަރަޙައްދާއި ޚިލާފަށް މުޅިތަން އެއަރ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް އަދި ފަސިންޖަރުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަޙައްދެކެވެ. އޭގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަޙައްދަށް ވެހިކަލް ކައިރި ކުރުމަށް އިތުރު ސްލޮޓްތަކެއް ވަނީ ކަނޑައަޅައިފައެވެ. ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑުބައި ވެހިކަލްތަކަށް 11 ސްލޮޓް ކަނޑައަޅާފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެ.
Step into the new seaplane check-in area. This spacious, fully air-conditioned space provides a comfortable and premium start to your Maldives journey. pic.twitter.com/exVRPzI2mm
— Maldives Airports Company Ltd (@MACLmedia) January 11, 2026
އައު ޓާމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ޚިދުމަތް ފަށާފައިވާއިރު އެ މަސައްކަތުގައި ސީޕްލޭނަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައްވެސް ވަނީ ކަނޑައަޅާފައެވެ.
އެމްއޭސީއެލްއިން ވަނީ، ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއާޕޯޓުގެ އައު ޓާމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ، ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިނޫން ފަރާތްތަކުން މި ސަރަޙައްދު ބޭނުން ނުކުރުމަށް އެމްއޭސީއެލްއިން ވަނީ އަންގާފައެވެ. އެކުންފުނިން ވިދާޅުވީ މި ނޫން އުޅަނދުތައް އެ ސަރަޙައްދަށް ވަދެ، ނިކުތުމާއި އެ ސަރަޙައްދުގައި ބަހައްޓާފައިވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީ މަނާކަމެއް ކަމަށެވެ.
އައު ޓާމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް ޙާއްޞަ ކޮށްގެން 24 ޗެކިން ކައުންޓަރ ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއަކީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމު ކަމަށްވާއިރު، އައު ޓާމިނަލުން ޚިދުމަތް ފެށުމުން އެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާއިރު، މިހާރު ރާއްޖެއަށް ދަތުރު ކުރާ 41 އެއާލައިނެއް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފައެވެ.