ތިމާވެއްޓާއި ހަކަތަ، އެންމެ އެދެވޭ ގޮތެއްގައި ރައްކާތެރި ކުރެވޭނީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16ވަނަ އެސެމްބްލީގެ ކުރިން ބޭއްވުނު "ޕްރީ-އެސެމްބްލީ" ބައްދަލުވުމުގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުންނެއެވެ.
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހައި-ލެވެލް ޕޮލިޓިކަލް ފޯރަމް (އެޗް.އެލް.ޕީ.އެފް 2026) ގައި، ދެމެހެއްޓެނިވި ތަރައްޤީގެ 7 ވަނަ ލަނޑުދަނޑި މުރާޖާކުރުމާ ގުޅޭގޮތުން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފެންވަރުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ތިންގުނަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުއެޅުމެވެ. މި ބައްދަލުވުމުގައި ވަޒީރު ޠާރިޤް ވަނީ ރާއްޖޭގެ ފަރާތުން ބަޔާނެއް އިއްވަވައި، އެސް.ޑީ.ޖީ 7 ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، މިދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް ވިދާޅުވީ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުމަކީ މުހިންމު ކަމެއްކަމަށެވެ.
އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައި، ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހޮސަނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ބާއްވަވާފައެވެ. ޚާއްޞަކޮށް، އިއާދަކުރަނިވި ހަކަތައިގެ އައު އީޖާދުތަކާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކަކީ ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އަވަސްވެގެންދާނެ ކަމުގެ މުހިންމު ނިޝާނެއްކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެ. އަދި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، މިފަދަ ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އައިރީނާގެ މި ބައްދަލުވުމަކީ 2026 ވަނަ އަހަރުގެ އެޗް.އެލް.ޕީ.އެފް އަށް ތައްޔާރުވުމުގެ ގޮތުން، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ހަކަތައާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ބޭއްވުނު މުހިންމު މަޝްވަރާއެކެވެ.