ޚަބަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ އަންހެން ޓީމު ފުރައިފި


މި މަހު 13 ވަނަ ދުވަހު ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ފަށާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމު އެ ގައުމަށް ފުރައިފިއެވެ.

ޗައިނާއަށް ޤައުމީ އަންހެން ފުޓްސަލް ޓީމު ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާޤް ވަނީ ޓީމާ ބައްދަލުކުރައްވައި، ހިތްވަރުދެއްވާފައެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރުގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވަނީ މާފަންނު ބަސް ޓާމިނަލަށް ވަޑައިގެން، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.

ޤައުމީ ޓީމުން މިރޭ ތައިލެންޑަށް ފުރާފައިވަނީ އެކުލަވާލާފައިވާ 14 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކުއެވެ. މީގެތެރޭގައި ގިނައީ، މިފަހުން ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅުނު ކުޅުންތެރިންނެވެ.

އާތިފް މުހައްމަދު (އާތީ) ގެ އިރުޝާދުގެ ދަށުން މުބާރާތަށް ނުކުންނަ ރާއްޖޭގެ ގައުމީ ސްކޮޑުގައި ހިމެނެނީ، ކީޕަރުންގެ ގޮތުގައި ފާތިމަތު ސައުސަން އަދި ސާއިގާ ހުސެއިން އެވެ. ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު އަފްޒާ، ފާތިމަތު ޝާލިޔާ، މަރިޔަމް ރިފާ، ފާތިމަތު އިނާޝާ އާދަމް، ރާނިޔާ އިބްރާޙީމް، އައިމިނަތު ފަޒްލާ، ފާތިމަތު ސައިނާ، މަރިޔަމް ނޫރާ، ފާތިމަތު ފައިހާ އަލީ، އައިމިނަތު ފައިހާ އަލީ، އައިމިނަތު ޝާމިލާގެ އިތުރުން މަރިޔަމް ޝަފާ ބިންތު އަޙްމަދު އަލީ އަދި ހައްވާ ހަނީފާއެވެ.

ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެެވެ. ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ އައިމިނަތު ސިޔާނާ އެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.