އީރާންގެ ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުންތައް އިތުރުވެ، ބޮޑު ސަރަޙައްދަކުން އިންޓަރނެޓްގެ ޚިދުމަތް ކަނޑާލައިފިއެވެ.
އީރާންގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ.
އީރާންގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާޢީ ވަނީ، މުޒާހަރާގެ ބައިވެރިން ޢަމަލުކުރަމުންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސަން ކަމަށް ތުހުމަތު ކުރައްވައިފައެވެ.
މިގޮތުން، ހުޅަނގުގެ އަވައިގައި ޖެހިގެން، ދަޢުލަތާއި ޢާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެކަމުގެ އިންޒާރު ޚާމަނާޢީ ވަނީ ދެއްވައިފައެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ގިނަ ސަރަޙައްދުތަކުން އިންޓަރނެޓުގެ ޚިދުމަތް ކަނޑާލާފައިވާއިރު، ގިނަ ޢަދަދެއްގެ އުދުހުންތައް ވެސް ވަނީ ކެންސަލްކޮށްފައެވެ. މިގޮތުން، ދުބާއީން އީރާނަށް ދަތުރުކުރަން ހަމަޖެހިފައިވާ އޮތް ހަ ފްލައިޓެއް މިއަދު އެކަނިވެސް ކެންސަލްކޮށްފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ.
އިންޓަރނެޓުގެ ޚިދުމަތް ކަނޑައިލުމުން އޮންލައިން ނޫސްތަކަށް ޤަވާޢިދުން ޚަބަރުތައް ޝާއިޢުކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
މުޒާހަރާތައް އިތުރަށް ގޯސްވެއްޖެނަމަ، އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަސްނުޖެހޭނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.