"ނޫރުލް އަޛާން 1447"ގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިފަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ، އަތޮޅުތަކަށްވެސް ބައިވެރިވެވޭ ގޮތަށް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ނޫރުލް އަޛާން މުބާރާތުގެ މައިގަނޑު މަޤްސަދަކީ، މުޖުތަމަޢުގެ ކުދިބޮޑު އެންމެހާ އަފްރާދުންގެ މެދުގައި އިސްލާމީ ޢަޤީދާއާ މެދު ލޯބި އިތުރު ކުރުމާއި، ބަންގި ގޮވުމުގެ ފަންނާއި، ޢިލްމާއި އަދި ހުނަރުގެ އަގުވަޒަން ކުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިދިޔަ އަހަރު މި މުބާރާތް މާލޭގައި ބާއްވާފައިވާއިރު، އެމުބާރާތަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެމުބާރާތަށް ލިބުނު ތަރުޙީބަށް ބެލުމަށްފަހު އެވުޒާރާއިން ވަނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ އަތޮޅުތަކަށް ހުޅުވާލާފައެވެ. އަތޮޅުތަކުގައި އޮޑިޝަން ބޭއްވުމަށްފަހު ކޮންމެ އަތޮޅަކުން ހޮވޭ ފަރާތްތަކާއެކު މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އަންނަ ރަމަޟާން މަހުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ، މުބާރަތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިމުބާރާތް ބަހާލާފައިވަނީ 2 ބުރަކަށެވެ. ފުރަތަމަ ބުރުގައި ކޮންމެ ބައިވެރިއަކަށްވެސް އެބައިވެރިޔަކު ޚިޔާރު ކުރާ ގޮތަކަށް ބަންގި ގޮވޭނެއެވެ. މިބުރުގައި ބެލުމަށް ކަނޑައަޅާފައިވަނީ ތަޖުވީދާއި، ރާގު އަދި އަޑާއި އަކުރު އަދާކުރުމުގައިވާ ސާފު ކަމާއި، އަޑުގެ ފެންވަރާއި ސުންނަތަށް ތަބާވާ މިންވަރަށެވެ. ދެވަނަ ބުރުގައި ކޮންމެ ބައިވެރިއަކާއިވެސް ޙަވާލުކުރެވޭ މަޤާމަށް ބަންގި ގޮވަން ޙަވާލު ކުރާނެއެވެ. ފުރަތަމަ ބުރުގައި ހޮވޭ ގަދަ 7 ބައިވެރިން މިބުރަށް ދަތުރު ކުރާނެއެވެ.
ނޫރުލް ޢަޛާން 1446 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުން 40 ބައިވެރިން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. މިމަސައްކަތްތަކުގެ ދަށުން ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށް ޤައުމީ ޤުރުއާން މުބާރާތުގެ އަގު ބޮޑުތަނުން މަތިކޮށް، ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ދެއްވާ އެލަވަންސް ބޮޑުކޮށް، އެކި ޢިނާޔަތްތައް ދެއްވުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން ޒުވާން ޚަޠީބުން އުފެއްދުމަށްވެސް ބޮޑު މަޝްރޫޢެއް ވަނީ ފައްޓަވާފައެވެ.