ޚަބަރު

ބުރާސްފަތިން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނަށް އާސަންދަ


  • ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދަ ލިބޭނެ

  • މިމަހުގެ 15އިން ފެށިގެން މި ހިދުމަތް ލިބޭނެ

ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 15 އިން ފެށިގެން މި ޚިދުމަތް ލިބެން ފަށާނެއެވެ.

ލޮލުގެ މައްސަލަ ހުންނަ ފަރާތްތަކަށް އައިނު މުހިންމުވާއިރު، އައިނު ހެއްދުންވަނީ ބައެއް ހާލަތްތަކުގައި ޚަރަދުބޮޑު ކަމަކަށެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ މިފަދަ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުޞަތު ފަހިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތައް ހައްލުކޮށް ހިލޭ އައިނުގެ ޙިދުމަތް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްގައި ސަރުކާރުން އައިނު ފިހާރަހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. ފިހާރަ ހުޅުވިފަހުން ގިނަ ބަޔަކު ދަނީ ޙިދުމަތް ހޯދަމުންނެއެވެ. މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ސަރުކާރުން މިހާރުވަނީ އައިނު ފިހާރައެއް ޤާއިމްކޮށްފައެވެ.

މީގެއިތުރުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ރައީސްއަށް ހިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ބައެއް ތަންތަނުން އާސަންދަ ނުލިބުމުގެ ޝަކުވާ ހިމެނެއެވެ.

ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެން ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާދެއްވުމުގެ ގޮތުން އިޖްތިމާއި ސިއްހީ އިންޝިއުރަންސްގެ ޤައުމީ ނިޒާމް "އާސަންދަ ސްކީމް" ގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

މީގެތެރެއިން ޕްރިސްކްރިޕްޝަން ގްލާސަސް (އައިނު) ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ވިދާޅުވިއެވެ. އެގޮތުން ހެލްތު މިނިސްޓްރީއިން އެކުލަވާލާ އުސޫލަކީ އައިނުގެ ޙިދުމަތް ދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅާ އުސޫލެއްކަމަށް ވިދާޅުވިއެވެ.

ކްލިނިކްތަކުންނާއި ފިހާރަތަކުން ހައްދާ އައިނުތަކަށްވެސް އާސަންދަ ކަވާރ ކުރާނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުކަމަށް އެންސްޕާއިން ވިދާޅުވިއެވެ. އޭގެ ފަހުން އައިނުގެ އެއްވެސް މައްސަލައެއް ދިމާވެގެން އެކަމަށް އާސަންދަ ކަވަރ ނުކުރާނެއެވެ.

އެންސްޕާއިން ވިދާޅުވީ އާސައިން ކަވަރކުރާ 2000 ރުފިޔާއަށް ވުރެއް އެ ފަރާތުގެ އައިނު އަގު ބޮޑުވާނަމަ ބާކީ ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށްކަމަށެވެ. މިހާރު އާސަންދަ ކަވަރ ކުރާ އަދަދަށް އައިނު ހެއްދޭ ތަންތަން އެބަހުރިކަމަށާއި އައިނު ހައްދާނެ ތަނެއް ކަނޑައަޅާނީ އެމީހަކު އަމިއްލައަށްކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ.

އެންސްޕާއިން ވިދާޅުވީ މިކަން ތަންފީޒުކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާންމުކޮށް މިމަހުގެ 15 އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ފެށޭނެކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީއިން އެކުލަވާލާ އުސޫލަކީ އައިނުގެ ޙިދުމަތް ދޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅާ އުސޫލެއްކަމަށް ވިދާޅުވިއެވެ.

އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔައަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.