ޚަބަރު

އިންޑިއާ ފުޓުބޯޅަ: ހާލަތު ގޯސްވެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަނީ


ފަހަކަށް އައިސް ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން އައި އިންޑިއާގެ ފުޓުބޯޅަ ލީގަށް ކުރިމަތިވެފައިވާ ހާލަތާއެކު، ލީގުގައި ވާދަކުރާ ކުލަބުތަކުން އެ ކުލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ފަށައިފިއެވެ.

އިންޑިއާގެ މިީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބައެއް ކުލަބުތަކުން އަންނަނީ ކުޅުންތެރިންގެ ކިބައިން، 25 އިންސައްތައާ ހަމައަށް މުސާރަ ކުޑަކުރަން އެދެމުންނެވެ. އަދި މުސާރަ ކުޑަކުރުމުގައި ކުޅުންތެރިންގެ ޚިޔާލަށް ނާހާ ކަމަށާއި، ހަމައެކަނި އަހަނީ މުސާރަ ކުޑަކުރަން އެއްބަސްވަންތޯ ނުވަތަ ނޫންތޯކަމަށް، މިކަމާ މެދު ކަންބޮޑުވުން ފާޅުކުރި ކުޅުންތެރިއަކު އިންޑިއާގެ މީޑިއާއަކަށް މައުލޫމާތުދީފައިވެއެވެ. އަދި ބައެއް ކުލަބުތަކުން، ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްނުވާނަމަ ލީގުގައި އެ ޓީމަށް ނުކުޅެވޭނެކަމަށް ބުނަމުންދާކަމަށް ވެސް މައުލޫމާތުދީފައިވެއެވެ.

އިންޑިއާގެ ފުޓުބޯޅަ ލީގު، އިންޑިއަން ސުޕާ ލީގު (އައިއެސްއެލް) މެދުކެނޑިފައި އޮންނަތާ ނުވަވަރަކަށް މަސްދުވަސް ވެއްޖެއެވެ. ލީގު މެދުކެނޑިފައި އޮތުމާ ގުޅިގެން އަދި އިންޑިއާގެ ފުޓުބޯޅައިގެ ހާލަތާ ގުޅިގެން، އިންޑިއާގެ ބައެއް ކުޅުންތެރިން ވަނީ ފީފާގެ އެހީތެރިކަމަށް ވެސް އެދިފައެވެ.

އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަން ހިންގަން މިހާރު ތިބި ފަރާތްތަކަށް އެ ފަރާތްތަކުގެ ޒިންމާ އަދާނުކުރެވޭކަމަށް ބުނެ، ފީފާއިން އެކަން ބަލައި، ގެނެވޭނެ ބަދަލެއް ގެނެސްދިނުމަށްފަހު އެ ކުޅުންތެރިން އެދިފައިވެއެވެ. މި ގޮވާލުމުގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ފުޓުބޯޅަ ތަރި، ކެޕްޓަން ސުނިލް ޗެތުރީ ވެސް ހިމެނެއެވެ.

އިންޑިއާ ފުޓުބޯޅައިގެ ހާލަތު މިހާ ހިސާބަށް ގޮސްފައި މިވަނީ، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާއި ރިލަޔަންސް ސްޕޯޓްސްއާ ދެމެދު ވެފައިވާ 15 އަހަރު ދުވަހުގެ ކޮމާޝަލް ރައިޓްސް އެއްބަސްވުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ނިމުމަކަށް އައުމާ ގުޅިގެންނެވެ.

އެ އެއްބަސްވުން ނިމުމަކަށް އައުމުން އެހެން ކުންފުންޏަކާ އެކު މި އެއްބަސްވުން ހެދުމަށް ބިޑަށް ހުޅުވާލުމުން އެއްވެސް ބިޑެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަށަން ތާވަލުކުރި އައިއެސްއެލް، އެ ތާރީޚުގައި ނުބޭއްވި ފަސްކުރަމުން ގޮސް މިހާރު ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިފަހަރުގެ ލީގު ކުރިއަށްދާނީ އެހެން ފަހަރުތަކާ ޚިލާފަށް 72 މެޗު މަދުން ކުޅޭ ގޮތަށެވެ.

ކުރިން ކޮމާޝަލް ރައިޓްސް އެއްބަސްވުމުގެ ދަށުން ލިބެމުން ފައިސާއިން ބައެއް ކުލަބުތަކަށް ލިބޭގޮތަށް އޮތްނަމަވެސް، މިހާރު އެފަދަ އެއްބަސްވުމެއް ނެތުމުގެ ސަބަބުން ކުލަބުތަކުގެ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކުލަބުތަކަށް ލިބޭ ފައިސާގެ 70 އިންސައްތަ ޚަރަދުކުރަނީ ކުޅުންތެރިންގެ މުސާރައަށްކަމަށް އެ ކުލަބުތަކުން ބުނެއެވެ.