ޚަބަރު

ލީގަށް ބަދަލުތަކެއް ގެންނަންޖެހޭ، މިހާރު އޮތްގޮތުން ވާދަވެރިކަން ކުޑަވޭ: ހަނީފް


ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތް ކަމުގައިވާ ދިވެހި ލީގު މިހާރު ރޭވި އިންތިޒާމުވެފައި އޮތްގޮތުން، ލީގުގެ ވާދަވެރިކަން ވަރަށް ބޮޑަށް ކުޑަވެގެންދާކަމަށް ކްލަބް އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.

ލީގުގައި އީގަލްސް އިން 0-2 އިން ޓީސީގެ މައްޗަށް ހޯދި މޮޅާއެކު މިހާރު ވަނީ ލީގު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. މިއާއެކު ރެލިގޭޝަން ޒޯނުންނާއި ރެލިގޭޝަން ޕްލޭ އޮފް މެޗުތަކުން މިވަގުތު އޮތްގޮތުން ނަމަ އީގަލްސް މިވަނީ ސަލާމަތްވެފައެވެ.

ލީގު ތާވަލުގައި ލިބުނު މަގާމާ ގުޅޭގޮތުން އަދި ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ކަނޑައަޅާފައިވާ ޓާގެޓާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ހަނީފް ބުނީ، ފާއިތުވީ އަހަރުތަކުގައި އީގަލްސްއަކީ ދިވެހި ލީގުގައި އޮތް އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި މިއަދު އީގަލްސް ފުޓުބޯޅައިގައި ކޮންމެ ވެސް ކަހަލަ މަޑުޖެހުމެއް އައިސްފައިވަނީ "އީގަލްސް ވަންތަކަން" ނެތިގެން ދިއުމުން ކަމަށެވެ.

އެއީ ވޭތުވެދިޔަތާ ޓީމާ ހަވާލުވި ކޯޗުންގެ މައްސަލައެއް ނޫން ކަމަށާއި، އެކަމުން އަރައިގަނެ، ކުޅުންތެރިންނަށް ވެސް ބޫސްޓެއް ބޭނުންވިކަމަށް ހަނީފް ބުންޏެވެ. އެ ބޫސްޓު ލިބި، ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަން ހަނީފް ފާހަގަކުރިއެވެ.

ދިވެހި ލީގު އިންތިޒާމްކޮށްފައިވާ ގޮތުން ޓީމުތަކަށް ލީގުގެ ތަށި ނުނެގޭނަމަ ދެން ކުރަން އޮތް ހަމައެކަނި ކަމަކީ ޕްލޭއޮފް މެޗުތަކުން ނުވަތަ ރެލިގޭޝަނުން ސަލާމަތްވުން އެކަނިކަން ބެންޖޯ ފާހަގަކުރިއެވެ. އިތުރު ކަމެއް ދެން އޮތް ޓީމުތަކުން ހާސިލްކުރަން ނޯންނަ ކަމަށާއި ލިބޭ މޮޅެއް ވެސް ދެން އޮތް ޓީމުތަކަށް ނެތްކަމަށް ބެންޖޯ ބުނެފައިވެއެވެ.

''މި ލީގު އަސްލު މި އިންގޮތުން ބޮޑަށް މި އިންނަނީ ސަލާމަތްވުން ތަށި ނުނެގެންޏާ. އިތުރު ވަކި ބެނެފިޓެއް ނީނދޭ. ހަމައެކަނި ބުނެވޭނީ ލީގު ނިންމާލީ ދެވަނައިގައި ނޫނީ ތިންވަނައިގައޭ. އެކަހަލަ ގޮތަކަށް މި ލީގު މިއޮތީ. އަނެއްހެން، ދަށުގަ މިއޮންނަ ހަތަރު ޓީމުގެ މެދުގައި އޮވޭ ކޮންމެވެސް ވަރެއްގެ ފައިޓެއް. އެކަމަކު ގާތްގަނޑަކަށް ސަލާމަތްވީމަ ވެސް ނީނދޭ މިއަކު، މި ލީގަކު ނީނދޭ ކަމެއް. މިސާލަކަށް ބޯނަސްއެއް އެއްޗެއް ލިބޭނަމަތާ. މީގަ ދެން އިންނާނީ މެޗަކަށް ފަހު މެޗެއް ނެގުން" ލީގާމެދު ކަންބޮޑުވުން ފާޅުކޮށް ބެންޖޯ ބުންޏެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު އީގަލްސްއިން ދިވެހި ލީގު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލިއިރު އެ ޓީމަށް، ކުޅުނު 13 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާއި އީގަލްސްއާ ދެމެދު 18 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އީގަލްސްއަށްވުރެ މަތިން، ލީގު ތާވަލުގެ ފަސްވަނައިގައި އޮތީ ވިކްޓްރީ ސްޕޯޓްްސް ކުލަބެވެ. އެއީ 20 ޕޮއިންޓާއެކުއެވެ.

އީގަލްސް އަތުން ބަލިވި ޓީސީ އޮތީ ހަތްވަނައިގައި، 9 ޕޮއިންޓާއެކުއެވެ. ފުލުހުގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް ޕޮއިންޓާއެކުއެވެ.