ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާޙައުލަށް ތައްޔާރު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، މުޖުތަމަޢު ބަލައިގަންނަ އަދި ހަމަހަމަ ފުރުޞަތުތައް ފަހިކަމާއެކު ލިބޭ ބަޔަކަށް ހެދުމަށް މި ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން ތަފާތު ޕްރޮގްރާމްތައް ފަށާފައިވާއިރު، "ޖޮބް ރެޑިނަސް" ޕްރޮގްރާމަކީ ވަރަށް ޚާއްޞަ އިސްކަމެއްދީގެން ފަށާފައިވާ ޕްރޮގްރާމެކެވެ.
މި ވޭތުވެދިޔަ 2 އަހަރު، ނުކުޅެދުންތެރިކަން ހުންނަ 350 މީހުންނަށް ވަނީ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޖޮބް ރެޑިނަސް" ޕްރޮގްރާމްގައި، ވަޒީފާގެ މާޙަޢުލުގައި ޢަމަލުތައް ބަހައްޓާނެ ގޮތާއި، ގުޅިގެން މަސައްކަތް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި އަދި މަސައްކަތުގެ މާޙައުލުގެ ޢާއްމު ހުނަރުތަކަށް ހޭލުންތެރިކޮށް އަހުލުވެރިކުރުން ހިމެނެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޖޮބް ރެޑިނަސް ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި.
— Ministry of Social and Family Development (@MSFDmv) January 8, 2026
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް… pic.twitter.com/NDtta38SHT
މިފަދަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ދަނީ ފަހިކޮށްދެމުންނެވެ. އެމްޕީއެލް، ސްޓެލްކޯ އަދި ސަރުކާރު ޙިއްސާވާ ބައެއް އެހެން ކުންފުނިތަކުންވެސް އަންނަނީ، އެކި ދާއިރާތަކުން ވަޒީފާގެ ފުރުޞަތު ދެމުންނެވެ.
މީގެ ތިންވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، އެވުޒާރާގެ ސޯޝަލް މީޑިއާގައި ހިމަނާފައިވާ ލިންކް އަދި ކިއު އާރް ކޯޑް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅޭނެއެވެ. މިއީ، 6 މަސް ދުވަހުގެ ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.